ހަބަރު

އެންމެ "ހަރަދު ބޮޑު" މިނިސްޓްރީގެ ހަގީގީ އަދަދު

Feb 22, 2020
4

މިއަހަރަށް ދައުލަތުގެ ބަޖެޓުން ފޮރިން މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުން އަހަރުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ "ހުސްކޮށްލާފައިވާ" ކަމުގެ އަޑުތައް ގަދަވެ، ހާއްސަކޮށް މިނިސްޓަރު އަބްދުﷲ ޝާހިދަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

އެގޮތަށް ބަލާފައިވަނީ ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު އާންމު ކުރާ މާލީ ހިސާބުތަކުންނެވެ. އެގޮތުން، މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 23 ގެ ނިޔަލަށް ފޮރިން މިނިސްޓްރީއިން 51.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެ ހިސާބުތަކުން ދައްކަ އެވެ.

ނަމަވެސް، އެ ހިސާބުތަކުގެ ތަފްސީލަށް ބަލައިލުމުން، އެގައިވާ އަދަދުތަކުން ހަގީގަތް އޮޅޭކަން ހާމަވެ އެވެ. އެ ހަރަދުތަކުގެ ތަފްސީލަށް ބަލައިލާއިރު، ފޮރިން މިނިސްޓްރީން ކުރިކަމަށް ހިސާބުތަކުން ފެންނަ ހަރަދުގެ ބޮޑު ބަޔަކީ އެ މިނިސްޓްރީގެ ދަށުން ބޭރުގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ މިޝަންތަކަށް ފޮނުވާފައިވާ ފައިސާ އެވެ.

އެގޮތުން، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތަފާތު 16 މިޝަނަކަށް ގާތްގަނޑަކަށް 52 މިލިއަން ރުފިޔާ ވަނީ ފޮނުވައިފަ އެވެ. އެ އަދަދަކީ ވެސް އެ މިޝަންތަކުގެ ފުރަތަމަ ކުއާޓަރުގެ ފައިސާކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އޭގެ މާނައަކީ ޖެނުއަރީ މަހުން ފެށިގެން މާޗް މަހާ ހަމައަށް އެ މިޝަންތަކުގެ ޖުމްލަ ހަރަދަށްވާ ފައިސާ، މުޅި މިނިސްޓްރީއަށް ދީފައިވާ ބަޖެޓުން އުނިވެފައިވާ ކަމެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި މިޝަންތަކުގެ މުވައްޒަފުންނާއި ހިންގުމުގެ ހުރިހާ ހަރަދު ހިމެނެ އެވެ.

އެ ތަފްސީލަށް އިތުރަށް ބަލައިލާއިރު، ސީދާ މިނިސްޓްރީން ހަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 11 މިލިއަނެއްހާ ރުފިޔާ އެވެ. އޭގެ ތެރޭގައި މެންބަރު ގައުމުތަކުން ދޭންޖެހޭ ޗަންދާގެ ގޮތުގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކަށް ރާއްޖޭން ދައްކަންޖެހުނު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވަނީވެސް ޖެނުއަރީ މަހު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިންނެވެ. ދެން ފާހަގަކޮށްލެވޭ އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ ހުރި އިމާރާތް މަރާމާތުކުރާތީ، މިހާރު އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގާ އެމްޓީސީސީގެ އިމާރާތަށް ދައްކާފައިވާ މަހު ކުއްޔެވެ.

ދައުލަތުގެ ހަރަދުގައި އެކި ގައުމުތަކަށް ދަތުރުތައް ކުރައްވައި، ހާރިޖީ ވަޒީރު "ވާލްޑް ޓުއާ"އެއްގައި އުޅުއްވާ ކަމުގެ ތުހުމަތު އަމާޒުވާއިރު، މިއަހަރު ފެށުނު ފަހުން ދަތުރުތަކަށް ހަރަދުވެފައިވަނީ ގާތްގަނޑަކަށް 400،000 ރުފިޔާ އެވެ. އޭގެ އިތުރުން، ވީއައިޕީގެ ހިދުމަތަށް 800،000 އެއްހާ ރުފިޔާ ހަރަދުވެފައިވާކަމަށް ހިސާބުތަކުން ދައްކާއިރު، އޭގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުގެ އެކި ބޭފުޅުންނަށް އަދާކުރާ މެހެމާންދާރީވެސް ހިމެނެ އެވެ.