ހަބަރު

ފީ ދައްކައިގެން ކާނިވާ ސަރަހައްދުން ޕާކު ކުރަން ހުޅުވާލައިފި

Feb 22, 2020
5

ކާނިވާ ސަރަހައްދުގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ހެންވޭރު ކާނިވާ ސަރަހައްދުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްގެން 52 ޕާކިން ސްލޮޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. މި ޒޯނުގައި ޕާކުކުރުމަށް ދައްކަން ޖެހޭނީ މަހަކު 3،000 ރުފިޔާ އެވެ.

އެ ކައުންސިލުން އިތުރަށް ބުނީ ޒޯނުތަކަށް އެދޭނީ އެކަމަށް ހާއްސަކޮށް ދޫކުރާ ފޯމުންކަމަށާއި، އެ މި ފޯމް ރަސްމީ ދުވަސް ދުވަހު ކައުންސިލް އިދާރާއިންނާއި ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެކަމަށެވެ.

އެ ސްލޮޓްތަކަށް އެދުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މާޗް މަހުގެ އެއްވަނަ ދުވަހާ ހަމައަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވާ ވަނީ ބުނީ މިދިޔަ އަހަރުން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް 11 ސަރަހައްދެއްގައި ޕާކު ކުރެވޭނެ ތަންތަން ހަދާފައިވާ ކަމަށެވެ. އެ ތަންތަނަކީ އެއް ފަހަރާ 80 ނުވަތަ 400 ވެހިކަލްއަށް ޕާކް ކުރެވޭނެ ފަދަ ތަންތަނެވެ.

ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލާގައި ފުލުހުންނާއި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

މާލޭގައި ޕާކު ކުރަން ހުރި އުނދަގޫތަކާއި ގަވައިދާ ހިލާފަށް ޕާކު ކުރުމުން ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.