އިލެކްޝަންސް ކޮމިޝަން

ފާހަގަ ޖެއްސެވި ގޮތަށް ނަތީޖާ ނެރެދޭނަން: އީސީ

ވޯޓް ކަރުދާސްކޮޅުގައި ދިވެހި ރައްޔިތުން ޖައްސަވާ ފާހަގަތަކުގެ ނަތީޖާ، އެ ޖެއްސެވި ގޮތަކަށް ނެރެދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ނިމިގެންދިޔަ މަޖިލީސް އިންތިހާބުގައި އެމްޑީީޕީ މޮޅުވީ ވޯޓްލާން އިތުރު ވަގުތު ދިނުމުން ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައި ވަނިކޮށެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވަގުތު އިތުރުކޮށް "އެ ހެދި އެއްޗެއް ހަދައިގެން" އެމްޑީޕީ މޮޅުކޮށް ދިނީ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓް ނެގުން އޮންނަ ދުވަހުގެ މެންދުރު 14:00 ގެ ހުރިހާ އެ ޕާޓީގެ މެންބަރުންނާއި، ސަޕޯޓަރުން ވޯޓް ދީ ނިންމުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވަނީ ކައުންސިލް އިންތިހާބުގައި ވޯޓް އޮޅުވާލުމަށް އީސީން މަސައްކަތް ކުރަމުން ގެންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

އެ ވާހަކަތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އިސް ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ އިދިކޮޅުގެ ތުހުމަތުގައި އެއްވެސް އަސާސެެއް ނެތް ކަމަށެވެ. އަދި ވަކި ގަޑިއެއްގެ ފަހުން ނުވަތަ ކުރިން ވޯޓްލުމަކީ ވޯޓްގެ ހަގީގީ ނަތީޖާއަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އޮތީ ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދާދިނުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި ނިމިގެންދިޔަ އެއްވެސް އިންތިހާބެއްގަައި އެ ކޮމިޝަނުން އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

"ވޯޓް ކަރުދާސްކޮޅުގައި ތިޔަ ބޭފުޅުން ޖައްސަވާ ފާހަގަތަކުގެ ނަތީޖާ، އެ ޖެއްސެވި ގޮތަކަށް ނެރެދޭނަން. ވަކި ގަޑިއެއްގެ ފަހުން ވޯޓް ލުމަކީ ވޯޓްގެ ނަތީޖާ އޮޅުވާލެވޭނެ ކަމެއް ނޫން." އަކްރަމް ވިދާޅުވިއެވެ.

އިދިކޮޅުން ވަނީ 2018 ގެ ރިޔާސީ އިންތިހާބުވެސް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ކޮމިޝަންގެ މެންބަރުން، އޭރުގެ އިދިކޮޅު ފަރާތްތަކުން މާލީ މަންފާ ހޯދާފައިވާ ކަމަށްވެސް ތުހުމަތު ކުރިއެވެ.

ހުދު ރައީސް އަބްދުﷲ ޔާމީންވެސް ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.