ޑރ. މުހައްމަދު މުއިއްޒު

ބިރެއް ނުދެއްކޭނެ، އިންތިހާބުގައި ވާދަކުރާނަން: މުއިއްޒު

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ސިޔާސީ ގޮތުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށާ ނަމަވެސް މާލޭގެ މޭޔަރު ކަމަށް ވާދަ ކުރަން ނިންމެވި ނިންމެވުމުގެ މަތީގައި ދެމި ހުންނަވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލާގައި މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައިދޭން ފިނޭންސް މިނިސްޓްރީއިން ވަނީ ފުލުހަށް ފޮނުވާފަ އެވެ. އެކަމާ ގުޅިގެން މުއިއްޒު މިރޭ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

ފުލުހަށް ހާޒިރުވުމަށް މުއިއްޒުއަށް ޗިޓް ފޮނުވާފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަން ނިންމަވާ ފޯމް ހުށައެޅުއްވިތާ 48 ގަޑިއިރުވެސް ނުވަނީހެވެ.

ފުުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ޕީޕީއެމް އޮފީހަށް ވަޑައިގެން އެ ޕާޓީގެ އޮފީހުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ނޫމަޑިއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެއީ ސިޔާސީ ގޮތުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށެވެ. ނޫމަޑީގެ މައްސަލައާއި ގުޅިގެން ތުހުމަތުތައް ކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފޯމް ލުމާއެކު ފުލުހުންގެ އޮފީހަށް ހާޒިރުކުރަން ފެށީ ސިޔާސީ ނުފޫޒުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޑިމޮކްރަސީ ނަގަހައްޓާ ދަމަހައްޓަން ވައުދުވެެގެން އައި ސަރުކާރުން މިއަދު ކުރަމުން ގެންދަނީ ހުދުމުހުތާރު އަމަލުތައް ކަމަށެވެ. އިންތިހާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭ ކަމަށާ ކެންޑިޑޭޓުންގެ މަސައްކަތަށް ހުރަސްއެޅުން ބަލައިނުގަނެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލާނީ، މާތްﷲގެ ހަސްރަތުން ވާގި އެދިހުރެ، ތިޔަ ހުރިހާ ބޭފިުޅުންގެ ސަޕޯޓާއެކު އަދި މާލޭގެ ލޮބުވެތި ރައްޔިތުންގެ ސަޕޯޓާ ތާއީދު ލިބޭނެ ކަމަށް އުންމީދުކުރާ ހާލު، އަޅުގަނޑު މި މަސައްކަތުގައި، މި އިންތިހާބުގައި ވާދަކުރުމުގައި ސާބިތުކަމާއެކު ދެމި ހުންނާނަން."

މުއިއްޒު ވިދާޅުވީ މައްސަލައެއް ހުރި ނަމަ ބެލުމާމެދު މައްސަލައެއް ނެތް ކަމަށާ ނަމަވެސް ނޫމަޑީގެ މައްސަލާގައި އެމަނިކުފާނު ގޯހެއް ހަދާފައިނުވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވީ މާލެއަށް ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދިނުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ކައުންސިލަކަށް ތިން ދައުރު ދިނުމުން މާލޭގެ ކަންކަން ދިޔައީ ގޯހުން ގޯހަށް މުއިއްޒު ވިދާޅުވިއެވެ.