ހަބަރު

މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި

އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި އެވެ.

މުއިއްޒަށް އަންގާފައިވަނީ މިރޭ 8:00 އަށެވެ. އެއީ ބަލަމުންދާ މައްސަލައެއްގައި ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ޕީޕީއެމްއިން ބުނެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

މުއިއްޒު މިރޭ ފުލުހަށް ހާޒިރުކުރަން ނިންމާފައިވާއިރު، ރޭ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މުއިއްޒަށް ވަނަމުން ކިޔައި، ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މުއިއްޒަށް ވޯޓު ނުދިނުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

މީގެކުރިން މުއިއްޒު ވެސް ވަނީ އޭނާ، މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާތީ ސަރުކާރުން ޖެހިލުންވެ މައްސަލަތައް އުފަން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. މުއިއްޒު މަޖިލީހަށް ވާދަ ކުރައްވަން ނިންމެވުމުން ވެސް މައްސަލަތައް މަޖިލީހުން ފެންމަތިކުރުވި އެވެ. ނަމަވެސް މަޖިލީހަށް ވާދަ ނުކުރައްވަން މުއިއްޒު ނިންމެވުމުން އޭރު އެ މައްސަލަތައް އޮބުނެވެ.

އަނެއްކާވެސް މުއިއްޒުގެ މައްސަލަތައް ފެންމަތިވީ މޭޔަރު ކަމަށް ވާދަ ކުރައްވާ އަޑާ އެކު އެވެ. އެގޮތުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލާގައި މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައިދޭން ފިނޭންސް މިނިސްޓްރީއިން ވަނީ ފުލުހަށް ފޮނުވާފަ އެވެ.

ނޫމަޑި މައްސަލާގައި މީގެ ކުރިން ވަނީ މުއިއްޒު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާާލު ވެސް ކޮށްފަ އެވެ. އެ ކޮމިޓީގައި މުއިއްޒު ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދައްކައިފަ އެވެ.