ރިޕޯޓް

މިހާވަރަކުން މި ފާސްކުރަނީ ކީއްކުރާ ގަރާރުތަކެއް؟

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ ގިނައިން އިވޭނެ އަޑަކީ ގަރާރެއްގެ ވާހަކަ އެވެ. އެކި ކަންކަމުގައި އެކި މެންބަރުން ގަރާރު ހުށަހަޅުއްވާ މިންވަރު ވަރަށް ވެސް ގިނަ އެވެ. މި ހީވާގި މަޖިލީހަށް ބިލްތަކުގެ އިތުރުން މިހާ ގަރާރު ގިނަވެގެން އުޅުމުގެ ބޭނުމަކީ ކޮބައިބާ އެވެ؟

މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުތަކަށް ބަލާއިރު، މަސްވެރިންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ހިމަނައިގެން ފަސް ގަރާރެއް މަޖިލީހުގެ ފުރަތަމަ ދައުރު ވެއްދި އެވެ. ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެމްޑީޕީން ވެފައިވާ ވައުދުތަކާއި ސިޔާސަތުތައް ހިމަނައިގެން ވެސް ގަރާރުތަކެއް ވެއްދި އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް އަންނަ ގުޅިގެން ވެސް ގަރާރުތަކެއް ވެއްދި އެވެ. އިއާދަ ކުރަނިވި ހަކަތަ އާއި ކަރަންޓު އަގު ހެޔޮ ކުރުމާ ގުޅޭ ގަރާރުތަކެއް ވެސް އުޅެ އެވެ.

މި ގަރާރުތަކަށް ބަހުސް ކުރެވި ގިނަ ވަގުތުތަކެއް އެކަމުގައި ހޭދަ ކުރައްވައި ގަރާރު ފާސްކޮށް ހަދަ އެވެ. ބައެއް ގަރާރުތައް ދިރާސާ ކުރަން ކަމާ ބެހޭ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުން ކޮމިޓީ މަރުހަލާގައި ވެސް ގަރާރުތައް އެތައް ދުވަހެއް ވަންދެން އޮވެ އެވެ. އޭގެން ވާ ކަމެއް އޮވޭ ބާވަ އެވެ؟ އިލްތިމާސްއެއްގެ އިތުރަށް އެއީ އެއްޗެއް ނޫނެވެ. އެކަން އެނގެނީ ހަމަ ގަރާރުތަކުގައި ބުނާ ވާހަކަތައް ހިމަނައިގެން އެކަމާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހެޅޭތީ އެވެ. ބައެއް ބިލްތައް ގަރާރުތައް މަޖިލީހުގައި އޮތްވައި ވެސް ހުށަހަޅަ އެވެ. އެހެންވީއިރު އެންމެ ފުރަތަމަ ވެސް ބިލް ހުށަނާޅައި ގަރާރަށް މިހާ ވަގުތެއް މި ހޭދަ ކުރަނީ ކީއްވެ ހެއްޔެވެ؟

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުން ކަމަކާ ދޭތެރޭގައި ދެކޭ ގޮތް ހާމަކުރަން ގަރާރެއް ހުށަހެޅިދާނެ އެވެ. އެ ގޮތަށް މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ގަރާރު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ގަރާރުތަގައި ދީބާޖާއެއް ހިމެނުމާއި، ގަރާރު ފާސްވުމުން ތަސްދީގު ކުރަން ފޮނުވަން ނުޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވާ ގޮތުގައި ފާސްކުރާ ގަރާރުތަކުގައި ބުނާ ކަމަކަށް އަމަލު ކުރާ ތަނެއް ނޫނީ އެއިން ކަމެއް ތަންފީޒު ކުރާ ތަނެއް ފަހުން ނުފެނެ އެވެ. ހަމައެކަނި ގަރާރުތަކެއް ވެސް ނޫނެނެވެ. ބިލުތައް ވެސް އެ ގޮތަށް ވާ ކަމަށެވެ. ފާސްކުރާ ބިލުތައް ތަންފީޒު ކުރުމުގައި ވެސް ލަސްތަކެއް އަންނަ ކަމަށެވެ.

ސައީދު ވިދާޅުވާ ގޮތުގައި އެމްޑީޕީއާއި މަޖިލިސް މަސައްކަތް ކުރަމުން ދަނީ "މާކެޓިން" އެޖެންޑާއެއްގެ ތެރެއިންނެވެ. މަޖިލީހުގެ އެތައް ޖަލްސާއެއްގައި މަސްވެރިކަމުގެ ގަރާރުތަކެއް ގެނެސްގެން އަދި ފަހުން ބިލެއް ގެނެސްގެން އޭގެ ވާހަކަ ދެއްކެވީ އެވެ. އެކަމަކު މިހާތަނަށް އައިރު އޭގައި ބުނާ ކަމެއް ނުކުރެ އެވެ. އަނެއްކާ ވެސް އެހެން ދާއިރާތަކާ ގުޅޭ އިތުރު ގަރާރުތަކެއް ގެންނަނީ އެވެ. ދެން އޮތް އިންތިހާބަކަށް ތައްޔާރުވާން މާކެޓިން އެޖެންޑާގައި މަސައްކަތް ކުރަނީ އެވެ.

"ދެ މަސް ދުވަސް ވަން ދެން މަސްވެރިންގެ ހަމަ އަގު ގެންނަ ވާހަކަ ދެއްކީ، އެތައް ގަރާރުތަކެއް ވައްދައިގެން، އޭގައިވާ ކަންކަން ކޮބައިތޯ؟ ކޮބައިތޯ ޕްލެޓްފޯމްތައް؟ ކިތައް އަތޮޅުގައި ޕްލެޓްފޯމްގެ މަސައްކަތްތައް ފެށިއްޖެތޯ؟ ވިޔަފާރިއާ ބެހޭ ކިތައް ބިލު؟ އެކަމަކު ވިޔަފާރީގެ ދާއިރާ އެ ދަނީ ބަނގޫރުވަމުން، އަނެއްކާ ވެސް ވާހަކަތަކުގެ އަޑު ގަދަ ކުރަނީ އަނެއް އިންތިހާބު ބޯމަތިވާތީ،" ސައީދު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ވިދާޅުވާ ގޮތުގައި ގަރާރުތަކުގައި އޮތީ ހިޔާލީ ވާހަކަތަކެކެވެ. ސަރުކާރު ނުހިނގާތީ އެކަން ނުދެއްކުމުގެ ގޮތުން ގަރާރުތަކެއް ހުށަހަޅައިގެން މަޖިލީހުގައި ކަމެއް ކުރާ ތަން ދައްކަން މަސައްކަތް ކުރަނީ އެވެ. އެއިން ގަރާރެއްގައި ސީދާ މައްސަލަ ވެސް ނުފެނެ އެވެ. އެއީ ހަމަ ސިޔާސީ ބޭނުންތަކެއް ހާސިލު ކުރަން ވައްދައިގެން އުޅޭ ގަރާރުތަކެއް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރު ހިންގަނީ އެމްޑީޕީ ހިމެނޭ ގޮތަށް އެހެން ޕާޓީތަކަކާއެކު ވެސް ހަދާފައިވާ ކޯލިޝަނަކުންނެވެ. ސަރުކާރުން ބިލެއް އަންނައިރު އަންނާނީ ކޯލިޝަން މެނިފެސްޓޯގެ ތެރެއިންނެވެ. އެކަމަކު އެމްޑީޕީގެ ވެސް "އެޖެންޑާ 19" އެބަ އޮތެވެ. އެހެންވެ ގަރާރުތަކަކުން އެމްޑީޕީގެ ސިޔާސަތުތައް ގެންނަނީ އެވެ. ބިލު އަންނައިރުގައި އެއިން ކަމެއް ނެތިއްޖެނަމަ ހިމެނުމުގެ ވެސް ބޭނުމުގަ ކަމަށެވެ.

މިއާ ގުޅޭ ގޮތުން އެމްޑީޕީ އެހެން މެންބަރުން ވެސް ވިދާޅުވަނީ ބިލުތައް ފުރަތަމަ މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި ގަރާރުތަކެއްގެ ސިފާގައި ހުށަހެޅުމުން ނަތީޖާ ރަނގަޅު ކަމަށެވެ. ގަރާރުތަކަށް ހިނގި ބަހުސްތަކަށް ހޭދަކޮށްފައިވަނީ ބޭކާރު ވަގުތުތަކެއް ނޫން ކަމަށެވެ. ގަރާރުތައް ހުށަހެޅުމުގެ ބޭނުމަކީ ވެސް ރައްޔިތުން ހޭލުންތެރި ކުރުމެވެ. ސަރުކާރަށް އެކަން ކުރަން ބާރުއެޅުމެވެ.

"އަޅުގަނޑުމެން މި މި ކަން ކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގެ ނިޔަތުގައި އެ ކަން ކުރަން ބޭނުންވާތީވެ، ބޭނުންވާ ކަންކަން ގަރާރެއްގެ ގޮތުގައި ފަރުމާކޮށްގެން، ރައްޔިތުންނަށް ކަންކަން އަންގައިދިނުމުގެ ނިޔަތުގައި ގަރާރުތައް ވައްދައިގެން ބަހުސްކޮށް ގަރާރު ދިރާސާ ކުރަނީ، އަދި ސަރުކާރަށް އެ ކަން ކުރުމަށް ބާރުއެޅުމުގެ ގޮތުގައި މި އުޅެނީ، އޭގައި ހުރި ރަނގަޅާއި ނުރަގަޅު ދެނެގަތުމަށްޓަކައި،" ގައްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޒާހިރު ވިދާޅުވި އެވެ.

ގަރާރުގައިވާ ކަންކަން ނުވާ ކަމަށް ބުނަން އަދި އަވަސް ކަމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. އެ މެންބަރުން ފާހަގަ ކުރައްވާ ކަމަކީ އެމްޑީޕީގެ ސަރުކާރާއި މަޖިލިސް ފެށިގެން އަދި މާގިނަ ދުވަހެއް ނުވެ އެވެ. މިއީ އަދި މަސައްކަތްތައް ފަށަން ދާނެ މުއްދަތެއް ކަމަށެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވާ ގޮތުގައި ގަރާރުތަކާއި ބިލުތައް ގެނެސްގެން އެމްޑީޕީން މިހާރު އެ ވަނީ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އިދިކޮޅު މެންބަރުން ދައްކާ ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. ބިލުތަކުގެ ނަމުގައި ރައްޔިތުންނަށް ހުވަފެން ދެއްކީ ކުރީގެ ސަރުކާރުގައި މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވެ އެވެ.

"އޭރުގެ ސަރުކާރުގައި މި ބޭފުޅުން އެސްއީޒެޑް ގާނޫނެއް އެންމެ ދުވަހެއްގެ ތެރޭގައި ގެނެސް، މިއިން މެންބަރަކަށް ކިޔާލަން ވަގުތު ނުނަގައި، އެ ދުވަހުން އެދުވަހަށް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފައި އޮތީ، މިހާރު ވެސް ކަންކަން އޮޅުވާލަންވެގެން ވޯޓާ ދިމާކޮށް މި ކަހަލަ ވާހަކަތައް ދައްކަނީ އެ، އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައެއް ނޫން، ދައުރެއް އަދި ފަށައިގެން މި އުޅެނީ،" ވައްޑެ ވިދާޅުވި އެވެ.

މަޖިލީހަށް ވެއްދި ގަރާރުތަކަކީ ހަގީގަތުގައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ނިޔަތުގައި ކޮށްފައިވާ މަސައްކަތެއް ނަމަ، އެ ގަރާރުގައިވާ ކަންކަން ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހެ އެވެ. އަަދި ފެންނަނީ ތަންފީޒު ކުރުމުގައި ލަސްތަކެއް އުޅޭ ތަނެވެ. އެހެންވާނަމަ އެއީ "ޕޮލިޓިކަލް މާކެޓިން ޓެކްޓިސްއެއް" ކަމަށް ބުނުމުގެ ފުރުސަތު ހަމަ އޮންނާނެ އެވެ. ގަރާރުތައް ދައްކަ ދައްކާފައި އުކާނެ ކަމެއް ނެތެވެ. ލަސްނުކޮށް އުޅެންވީ މަސައްކަތް ފަށައި ނަތީޖާ ނެރޭށެވެ.