ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކްރޫޒްލަައިނާތަކުން ރާއްޖެ އައި މީހުން ސްކްރީން ކޮށްފި

ތިން ކްރޫޒްލައިނާ އަކުން ރާއްޖެ އައި 4000 އަށް ވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ސްކްރީން ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ބަނދަރު ކޮށްފައި އޮތް ތިން ކްރޫޒްލައިނާއެއްގައި ތިބި މީހުން ކޮރޯނާ ވައިރަހަށް ތާމަލް ސްކްރީން ކޮށްފި ކަމަށެވެ. އޭގެ ތެރެއިން އެއްވެސް މީހަކު އެކަހެރި ކުރަން ޖެހިފައި ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އިއްޔެ ސްކްރީން ކުރީ "މާކޮ ޕޯލޯ"ގައި ތިބި 984 މީހުންނެވެ. އޭގެ ތެރޭގައި، 643 ކްރޫއިންނާއި 341 ފަސިންޖަރުން ހިމެނެ އެވެ. މި މީހުންގެ ތެރެއިން އަށް މީހެއްގެ ގައިން ހުމުގެ އަސަރު ފެނުނު ނަމަވެސް، އެއްވެސް މީހަކު ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރު ކޮށްފައި ނުވާތީ އެކަހެރި ކުރަން ނުޖެހެ އެވެ.

މީގެ އިތުރުން، "ނޯޓިކާ" ގައި ތިބި 1034 މީހަކު ވެސް އިއްޔެ ވަނީ ސްކްރީންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނީ 399 ފަސިންޖަރުންނާއި 634 ކްރޫ މެމްބަރުންނެވެ. މި ބޯޓުން ހުމުގެ އަސަރު ފެނުނީ ދެ މީހެއްގެ ގައިންނެވެ.

މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު ވަނީ "ކޯސްޓާ ވިކްޓޯރިއާ"ގައި ތިބި 2460 މީހުން ސްކްރީން ކޮށްފަ އެވެ. މި ބޯޓުގައި ތިބި 12 މީހުންގެ ގައިން ހުމުގެ އަސަރު ފެނުނު ކަމުގައި ވިޔަސް އެކަހެރި ކުރަންޖެހޭ މިންގަނޑަށް ނުދާ ކަަމަށް އެޗްޕީއޭގެ ޓްވީޓުގައި ވަނީ ބުނެފަ އެވެ.

ޗައިނާ އާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި ނުރައްކާތެރި ވައިރަސް ކޮރޯނާ ފެތުރެމުންދާތީ، ޗައިނާ އިން ރާއްޖެ އަށް މީހުން އެތެރެވުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. ހާއްސަކޮށް ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ޑައިރެކްޓް ފްލައިޓްތައް ވަނީ ހުއްޓާލާފަ އެވެ. މި ވައިރަސް ޖެހިފައިވާ އެއްވެސް ކޭސް އެއް ރާއްޖޭން އަދި ފެނިފައި ނުވާއިރު ރާއްޖޭގައި ކޮރޯނާ އަށް ޓެސްޓު ކުރެވޭ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.