އެމްޑީޕީ

އެމްޑީޕީގެ 877 ކެންޑިޑޭޓެއްގެ ފޯމު އީސީން ބަލައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 877 ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އިން މިހާތަނަށް އެ ޕާޓީގެ 877 ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު ބަލައިގެންފައިވާ ކަމަށެވެ. އެހެންކަމުން އަންނަ ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ 877 ކެންޑިޑޭޓުން މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ.

އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެކަމަކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި ކައުންސިލްގެ ބައެއް ގޮނޑިތަކަށް އެއްވެސް މެންބަރަކު އޭރު ކުރިމަތިލާފައެއް ނުވެ އެވެ.

އޭގެ ފަހުން އެމްޑީޕީން ބުނެފައި ވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ހަމަވެފައިވާ ކަމަށެވެ. އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި 675 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. އެ ދެ ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައާއި އަމިއްލަ ގޮތުން ވެސް އިންތިހާބުގައި ވާދަކުރަން ބައެއް މީހުން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރަނީ އަންހެނުންނެވެ. ހަމަ އެ ދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާއިރު، އެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.