އެމްއެމްއޭ

ކުރީގެ ބޯޑުގެ ނިންމުން ރަނގަޅު ކަމަށް އާ ބޯޑުން އެއްބަސްވި: ޓީއެމްއޭ

އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެމްއޭސީއެލް އިން ނިންމާފައިވާ ނިންމުންތައް ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވާލި އެމްއޭސީއެލްގެ ބޯޑުންވެސް ބުނެފައިވާ ކަމަށާ ކުރީގެ ބޯޑުންވެފައިވާ "ކޮމިޓްމަންޓް"ތައް ފުއްދާދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ބުނެފި އެވެ.

ޓީއެމްއޭއިން މިހެން ބުނެފައިވަނީ އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ދޫކުރުާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކާއި ގުޅޭގޮތުން އިތުރު ތަފްސީލް ހިމަނާ މިއަދު ނެރެފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ މަޝްވަރާތައް ކުރިއަށް ގެންދެވުނީ އެމްއޭސީއެލްގެ އޮތޮރައިޒްޑް މަންދޫބަކާއި، ޓީއެމްއޭގެ އޮފިޝަލުންނާއި ދެމެދުކަން އަދި ހަމައާ އުސޫލުގެ ތެރެއިން "ގުޑް ފެއިތް" ކަމަށެވެ.

އެގޮތުން އާ ޓާމިނަލްއިން ޓީއެމްއޭއަށް ޖާގަ ދޫކުރެވޭނެ ޓާމްސްތައް ބަޔާންކޮށް އެމްއޭސީއެލް އިން ފޮނުވާފައިވާ ސިޓީތަކުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ ޖެނެރަލް މެނޭޖަރު ކޮމާޝަލް، ހުސައިން ފަޒީލް ކަމަށާ ހުސައިން ފަޒީލް ސޮއިކޮށް ފޮނުވި ސިޓީތަކަކީ އެމްއޭސީލްގެ އޭރުގެ އެމްޑީ އާދިލް މޫސަ، އެޕްރޫވް ކޮށްގެން ފޮނުވި ސިޓީތަކެއްކަން އޭނާ މަޖިލީހުގެ ކޮމެޓީގައިވެސް ވިދާޅުވެފައިވާ ކަމަށެވެ.

"...މީގެ އިތުުރުން، ސިޓީޓަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމްއޭސީއެލްގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސައާ ކުންފުނީގެ ބޯޑުން އެޕްރޫވް ކުރެވިފައިވާ ކަންކަންކަމުގައި، އޭރު ޓީއެމްއޭއަށް އެތައް ފަހަރެއްގެ މަތިން އެމްއޭސީއެލްއިން ޔަގީންކަން ދިން." ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވާލި އެމްއޭސީއެލްގެ ބޯޑަށް، ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެމްއޭސީއެލް އިން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރުމަށް ފުރުސަތު ލިބިމެ، އާ ބޯޑުންވެސް އެތައް ފަހަރެއްގެ މަތިން ޔަގީންކަން ދެމުން އައީ ކުރިންވެފައިވާ ކޮމިޓްމަންޓްތައް ރަނގަޅު ކަމަށާ އެ ކޮމިޓްމަންޓްތައް ފުއްދާދޭނެ ކަމަށެވެ.

"...ޓީއެމްއޭއިން ގުޑް ފެއިތްގައި އެމްއޭސީއެލްއާ ނެގޯޝިއޭޓްކޮށް ވެވުނު އެއްވަސްވުމަކީ ޓީއެމްއޭގެ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނަ ޖާގައެއް ލިއްބައިދެނިވި އެއްބަސްވުމެއް. ޓީއެމްއޭއިން މިވަގުތުވެސް ދަނީ 80 ރިސޯޓަށް ރަނގަޅު ފެންވަރުގައި ހިދުމަތް ދެމުން."

އެ ކުންފުނިން ބުނީ ސަރުކާރާ މަޝްވަރާކޮށްގެން، ޓީއެމްއޭއިން މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތް ކުރިއަށް ގެންދެވޭނެ ފަދަ ހައްލެއް ހޯދުމަށެވެ. އަދި 1993 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ ޔަގީންކޮށްދީފައިވާނީ އެ ކުންފުންޏަކީ އިތުބާރު ހިފޭ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ނަމަވެސް ޓީއެމްއޭއިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން 31،000 އަކަމީޓަރު 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެ ސިޓީތަކެއް ފޮނުވާފައިވާކަމަށްވެސް އެ ކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.