ހަބަރު

ނަހުލާގެ ރުޅި އަލީ ވަހީދަށް: ތިކަންތައް ކުރީ ވަރަށް ހަޑިކޮށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަ ދައްކަވައި އިތުރު އޯޑިއޯއެއް ލީކު ކޮށްލައިފި އެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) އާއި އިތުރު ބަޔަކު ވާހަކަތަކެއް ދައްކާ ކަމަށް ބުނާ އޯޑިއޯތަކެއް ބައިބައިޔަށް ޓުވިޓާގައި ބަޔަކު ވަނީ ލީކް ކޮށްލާފަ އެވެ. އެއިން ދެ އޯޑިއޯއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން އެ މީހަކު ވާހަކަ ދައްކާފައިވެ އެވެ.

އެޕިސޯޑު އެޕިސޯޑަށް ލީކުކޮށްލި މި އޮޑިއޯތަކުގައި ސަރުކާރަށާއި މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭގޮތުން ވާހަކަ ދައްކައި އެކަމަނާއަށް ޖިންސީ ފުރައްސާރަކޮށްފައިވެ އެވެ. އަދި އެކަމަނާ ގުޅުމުން "ފްލާޓް" ވެސް ކޮށްފައި ވެއެވެ.

މިއަދު ލީކުވި އޯޑިއޯގައި ވާހަކަ ދައްކާ އަޑު އިވެނީ މިނިސްޓަރު އަލީ ވަހީދު އާއި މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަލީ ވަހީދަށް ގުޅުއްވައި ނަހުލާ ފުރަތަމަ ވިދާޅުވަނީ "މިނިސްޓަރު ވަރަށް ހަޑިކޮށް ކަންތައް ކުރެއްވި" ކަމަށެވެ. ނަހުލާ އެހެން ވިދާޅުވުމާއެކު "އަޅުގަނޑު ހަޑިކޮށް ކަންތަަކެއް ނުކުރަން،" ކަމަށް އަލީ ވަހީދު ވިދާޅުވެ އެވެ.

މިނިސްޓަރު ނަހުލާ ދެން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި ވާހަކަ ދައްކަވަ އެވެ. މި ގޮތުން އޭނާ ގުޅުއްވި ފޯނު ކޯލެއް ސްޕީކަރަށް ލައި އެހެން ބަޔަކަށް އިވޭ ގޮތަށް ހެދުމުން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވި އެވެ. އަދި ފޯނު ކަނޑާލާފައި ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ.

ނަހުލާގެ އެ ވާހަކަތައް ދައްކަވަމުން ގެންދެވިއިރު އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އޭނާ އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ލީކުކޮށްލައިގެން އުޅެނީ އެޑިޓް ކޮށްފައިވާ އޯޑިއޯތަކެއް ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި "އެޑިޓް ކޮށްފައިވާ އޯޑިއޯތަކެއް ގަބޫލު ކުރައްވަންޏާ ދަންނަވާނެ ވާހަކައެއް ނެތް،" ކަމަށް އަލީ ވަހީދު ވިދާޅުވެ އެވެ.

އަލީ ވަހީދު އެހެން ވިދާޅުވުމުން ނަހުލާ ދެން ވިދާޅުވަނީ "އަޅުގަނޑާ ވާހަކަ ދެއްކި ފޯނު ކޯލު، އޭގައި އެ ހުރި އަޑާ އެއްޗެހި" އެކަމަނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވަނީ އެއީ އަލީ ވަހީދު ކުރެއްވި ފޯނު ކޯލެއް ކަމަށެވެ. ދެން އެއީ އެޑިޓް ކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވާނީ ކިހިނަކުންތޯ ނަހުލާ ސުވާލު ކުރައްވަ އެވެ.

ނަހުލާ އޭގެ ފަހުން ވިދާޅުވަނީ "އަޅުގަނޑުގެ މައްސަލައަކީ ލީކް ކުރުމެއް ނޫން،" ކަމަށެވެ. އަދި އޭނާ ކުރި ކޯލެއް އެހެން ބަޔަކު ތިއްބައި ސްޕީކަރަށް ލުމަށްފަހު ރެކޯޑްކޮށް އޮތީ ކީއްވެގެންތޯ އޭނާ ސުވާލު ކުރައްވަ އެވެ. ނަހުލާ އެ ވާހަކަތައް ދައްކަވަމުން ގެންދެވި ވަގުތު އަލީ ވަހީދު ތަކުރާރުކޮށް އޭނާ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.

މިނިސްޓަރު އަލީ ވަހީދު އެހެން ބަޔަކާއެކު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކު ކޮށްލާފައިވާއިރު، އެއިން އޯޑިއޯތަކެއްގައި މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކުގެ މައްސަލަ ބައްލަވައި ދެއްވުމަށް އެކަމަނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

މި އޯޑިއޯތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ މިނިސްޓަރުންނަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު އެއިން މިނިސްޓަރަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކައެއްގެ މައްސަލަ ބަލަން ރައީސްގެ އަރިހުގައި އަދި ދަންނަވާފައެއް ނުވެ އެވެ.

އަލީ ވަހީދު އާއި އަޑުބަރޭ ވާހަކަ ދައްކަވާ އޯޑިއޯތަކެއް ލީކުވެފައިވާއިރު މި ކަމާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް މި ކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

ނަމަވެސް އޯޑިއޯތަކުގައި ޖިނާއީ ކަންކަން އުޅޭ ކަމަށް ބެލެވިގެން އެކަން ފުލުހުން ބަލަމުންދާ ކަމަށް ވަނީ އެ މުއައްސަސާއިން ބުނެފަ އެވެ. އެކަމަކު ފުލުހުންގެ އެ ތަހުގީގާ ގުޅޭ ގޮތުން އިތުރު ތަފުސީލެއް ނުދެ އެވެ.

ލީކު ކޮށްލައިގެން އުޅެނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ އޯޑިއޯތައް ލީކުވެގެން ދިޔަ ރޭ ޓްވީޓެއް ކުރައްވާފަ އެވެ. އެ އޯޑިއޯތަކަކީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާގެ މައްޗަށް ވެސް ތަހުގީގެއް ހިންގަވަން އެދިވަޑައިގަންނަވާ ކަމަށް އޭރުން ހަގީގަތް ސާފުވެގެން ދާނެ ކަމަށެވެ.