ދެހާސްތޭރަ ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ތިން މީހެއްގެ އަތުން އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ފައިސާތަކެއް ނަގާފައިވާ ކަމަށް ބުނާ މައްސަލާގައި އެ ތިން މީހުންނަށް ކުންފުނިން ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށް ދޫކޮށްފައި ވަނީ 125 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ އިތުރަށް ބަޔަކު އެ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ބަޔެއްގެ އަތުން އެ ގްރޫޕްއިން ފައިސާ ނަގައި ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިނުދީ، ފައިސާ އަނބުރާ ދީފައި ނުވާ ކަމަށް ބުނެ ތިން މީހަކު ވަނީ ސިވިލް ކޯޓުގައި އެ ކުންފުންޏަށް ދައުވާކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މައްސަލައެއް ހުށަހެޅި އެވެ.
އެ މައްސަލާގައި މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ އެ މައްސަލައިގެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން މައްސަލަ ހުށަހަޅާފައިވާ ތިން މީހުންނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށާއި އެ ކުންފުނީގެ ޑިރެކްޓަރުންނަށް އަންގައި އަމުރުކުރާ ކަމަށެވެ.
މި މައްސަލާގައި ސިވިލް ކޯޓުގައި ދައުވާ ހުށަހަޅާފައިވާ ފަރާތްތައް ތަމްސީލުކޮށް ވަކާލާތު ކޮށްދީފައި ވަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ އިންނެވެ. މި ކަން އެ ލޯ ސެންޓާގެ ސަމާލު ކަމަށް އައުމުން އެ މައްސަލާގައި ދައުވާކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުނަށް އެ ފައިސާ އަނބުރާ ހޯދަން ހިލޭ ގާނޫނީ އެހީއާއި ވަކާލާތުކުރުން ފޯރުކޮށްދިނުމަށް އެ ސެންޓަރުން ނިންމި އެވެ.
މި ގޮތުން އެ ކަމަށް ކޯޓުގައި ދައުވާ ހުށަހަޅަން ބޭނުންވާ މީހުން އެ ސެންޓަރަށް ހުށަހަޅަން އެދި އެ ސެންޓަރުން އިއުލާން ވެސް ކޮށްފައިވެ އެވެ. ސިވިލް ކޯޓުގައި އެ ސެންޓަރުން ވަކާލާތު ކޮށްދިން ތިން މީހުނަކީ އެ ގޮތަށް ހުޅުވާލި ފުރުސަތުގައި އެއަށް އިޖާބަދީ އެ ސެންޓަރަށް ހުށަހެޅި ތިން މީހެކެވެ.
އަލް ފަތުހު ޖަމާއަތަށް ސަރުކާރުން ދޫކުރި 125 މީހުންގެ ކޯޓާއަށް ވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައި ނުވުމުން އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ޚަރަދުގައި އެ އަހަރު ވަނީ ހައްޖަށް ފޮނުވާފައެވެ.