ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދާމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވާ މަނީ ލޯންޑްރިންގެ މައްސަލަގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓްގައި ވަނީ ފަށާފައެވެ. އަދި އެ މައްސަލައިގެ ތެރެއިން ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށް ދިނުމަށް ހައިކޯޓުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެ ފުރުސަތު އެމަނިކުފާނަށް ނުދިނުމަށް ފަނޑިޔާރުން ވަނީ ނިންމާފައެވެ. އެހެން ކަމުން މާދަމާ އޮންނާނީ ދަށު ކޯޓްގެ ހުކުމާއި ގުޅިގެން ކުރި އިސްތިއުނާފުގެ ޝަރީއަތުގެ ފެށުމެވެ.

ޝަރީއަތް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 13:00 ގައެވެ.

މާދަމާ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން ޓެސްޓްތަކެއް ހެއްދެވުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވުމަށް ފަހު އެމަނިކުފާނު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ މިއަދުއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމް ކުރިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެންމެ ފަހުން އެ މައްސަލާގައި ހައި ކޯޓުގައި ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތަކުގައި އެމަނިކުފާނުގެ ބަލި ހާލަތުގެ ވާހަކަތައް ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރުގައި ނަފުސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށް ކޯޓުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި ދެން ވެސް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ކޯޓުން ހުއްދަ ދިނުމުން ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ މިފަހުން ހައިކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.