ރިޕޯޓް

ކަމެއް ސާބިތުވާނީ މިހާ ވަރަށް!

Feb 24, 2020
26

އެއީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކަން އެކަމަނާ ސާބިތު ކޮށްދެއްވައިފި އެވެ. އަދި އެއީ ހަގީގީ ފޯނު ކޯލެއް ކަން ވެސް އެކަމަނާ ރަނގަޅަށް ސާބިތު ކޮށްދެއްވައިފި އެވެ. ދިމާއަށް ފެންނާން އޮތް ކަމެއް އިތުރަށް ސާބިތު ކުރަން ކަށަވަރުކޮށް ދެވޭނީ ދެން މީހާކަންހާ ވަރަށް ނޫން ހެއްޔެވެ؟ އިތުރަށް ބޭނުމީ ކޮން ހެއްކެއް އަދި ގަރީނާއެއް ކޮން ރިޕޯޓެއް ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އޭނާގެ އެކުވެރިންނާއެކު މިނިސްޓްރީގެ ކޮޓަރީ ކޮޅު ތެރޭގައި "ޖެއްސެވި ސަކަރާތު" ގެ އޯޑިއޯތައް ލީކްވެ، ބޭޒާރު ވެގެން ދިޔައީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. އެ އޯޑިއޯތަކާއެކުއެކީހެން ދެ ފަހަރެއްގެ މަތީން "އެއީ ފޭކެއް" ކަމަށް ވިދާޅުވެ އަލީ ވަހީދު އެއިން ބަރީއަ ވަޑައިގެންނެވުމަށް ޓްވީޓް ކުރެއްވުން ފިޔަވައި ހަރުދަނާ އަދި ވަށައި ޖެހޭ ހެއްކެއް ދެއްކެވިފައެއް ނުވެއެވެ. އޯޑިއޯތަކުގައި ހިމެނޭ ސްޓޭޓް މިނިސްޓަރަކު އެކަމާ ގުޅުވައި ދިފާއެއް ބިނާ ކުރަން ކުރެއްވި ޓްވިޓްވެސް ގޮވީ ގާތްގަނޑަކަށް އަތަށެވެ.

އެއާ ހިލާފަށް އިއްޔެ ރޭ ވަނީ "މައްސަލަ ސާބިތުކުރާ" ސީޒަންގެ ފުރަތަމަ އެޕިސޯޑް އާންމުވެފަ އެވެ. އެ އޯޑިއޯ ލީކް ކުރުމުގެ ކުރިން އެކަން ކުރާ މީހުން ދުރާލައި ބުނި ގޮތުގައި ކުރިން ލީކްކުރި އޯޑިއޯތައް އެއީ ހަގީގަތްތަކެއްކަން މިފަހަރު ސާބިތު ވެގެން ދާނެ އެވެ. އެކަންވީވެސް ހަމަ އެހެނެވެ. ފަހުން އާންމުކުރީ އަލީ ވަހީދަށް އައިޝާ "ކުރު ދޮށިން" ދެއްވާ އޯޑިއޯ އެކެވެ.

އޯޑިއޯތައް ލީކްވެ ދައުރުވާން ފެށި ފަހުން އަލީ ވަހީދަށް އައިޝާ ގުޅުއްވަ އެވެ؛ އަދި މިނިސްޓްރު އަލީ ވަހީދު އަމަލު ކުރައްވާފައި ވަނީ ވަރަށް ހަޑިކޮށް ކަމަށް އެކަމަނާ ވިދާޅުވެ އެވެ. ދެން އިތުބާރު ކުރައްވާނީ ކިހިނެއްތޯ ވެސް އައްސަވަ އެވެ. އެއާއެކު އަލީ ވަހީދު ވިދާޅުވަމުން ގެންދެވެނީ "އެއީ އެޑިޓެއް... އެއީ އެޑިޓެއް!" ކަމަށެވެ. އެކަމަކު، އައިޝާ ވަނީ އެއީ އެޑިޓެއް ނޫން ކަމާއި އެއީ ހަގީގަތަށް ކުރެވުނު ފޯނު ކޯލެއްކަން ޔަގީންކޮށް ދެއްވާފަ އެވެ.

އައިޝާ ވިދާޅުވާ ގޮތުގައި "އަޅުގަނޑާ ވާހަކަ ދެއްކި ފޯނު ކޯލު، އޭގައި އެ ހުރި އަޑާ އެއްޗެހި" އެކަމަނާއަށް އެނގިވަޑައިގަންނަވަ އެވެ. އަދި އެއީ އަލީ ވަހީދު ކުރެއްވި ފޯނު ކޯލެކެވެ. ދެން އެއީ އެޑިޓް ކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވާނީ ކިހިނަކުންތޯ ވެސް އެކަމަނާ ސުވާލު ކުރައްވަ އެވެ.

އޭގެ ފަހުން އެކަމަނާ ވިދާޅުވަނީ "އަޅުގަނޑުގެ މައްސަލައަކީ ލީކް ކުރުމެއް ނޫނެ" ވެ. އެކަމަކު އެކަމަނާއަށް ކުރެއްވި ކޯލެއް އެހެން ބަޔަކު ތިއްބައި ސްޕީކަރަށް ލުމަށްފަހު ރެކޯޑްކޮށްފައި އޮތީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. އެ ސުވާލު އެމަނާ އަލީ ވަހީދާ ކުރައްވަ އެވެ. އައިޝާ އެ ވާހަކަތައް ދައްކަވަމުން ގެންދެވި ވަގުތު އަލީ ވަހީދު ތަކުރާރުކޮށް އޭނާ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް ވަށައި ޖެހޭ ހުއްޖަތެއް މިހާތަނަށް މޮޅަށް ވާހަކަ ދައްކަވާ އަދި ދޫފަސޭހަ އަލީ ވަހީދަށް ވިދާޅެއް ނުވެވުނެވެ.

ރޭ ލީކްކޮށްލި އޯޑިއޯގައި އިވޭ އަޑަކީ އައިޝާ އާއި އަލީ ވަހީދުގެ އަޑުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފެވެ. އޯޑިއޯ "ރަށްމެދަށް" ފުންްމާލި އިރު އައިޝާ ވަނީ އަލީ ވަހީދާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން އެކަން ބައްލަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ޝަކުވާ ދަންނަވާފަ އެވެ. އަދި އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ އަލީ ވަހީދު، ނަހުލާއަށް ޖިންސީ ފުރައްސާރަ ކުރައްވާފައިވާކަމަށް ބުނެ އެކަން ބަލަން ގޮވާލާފަ އެވެ. އަނެއްކޮޅުން ރޭގެ އޯޑިއޯއާއެކު، އަލީ ވަހީދުގެ އެ ވިދާޅުވާ "އެންޓަނާ" އަކީ ހަގީގަތެއްކަން ވެސް އެ ސާބިތުވީ އެވެ.

މިހާ ހިސާބަށް ދިޔައިރު އިއްޔެ ބޭއްވި ޓޫރިޒަމް އިވެންޓްގައި ވެސް ރަސްމީ ހައިސިއްޔަތުން އަލީ ވަހީދު ބައިވެރިވަޑައިގެންނެވި އެވެ. މިކަމާ ސަރުކާރުގެ ބަހެއް ވެސް ކަންބޮޑުވުމެއް ވެސް ނެތެވެ. އެފަދަ އިޝާރާތެއް އެއްވެސް ދިމާއަކުން ނާދެ އެވެ. އަލީ ވަހީދުގެ އޯޑިއޯއާ ގުޅިގެން ޖިނާއީ ތުހުމަތެއް ކުރެވޭ ކަމެއް ހިމެނޭތީ އެކަން ބަލާ ކަމަށް ފުލުހުން ވަރަށް އަދައިގެ ގޮތަކަށް ބުނުން ފިޔަވައި އެއްވެސް ފިޔަވަޅެއް މިކަމާ ގުޅިގެން އަދި އައިސްފައެއް ނުވެއެވެ.

ފުލުހުން މި މައްސަލައިގެ ރަނގަޅު ތަހުގީގެއް ކުރާނަމަ އަލީ ވަހީދަށް ގައިމު ވެސް ސުވާލުތަކެއް އަމާޒުވާނެ އެވެ. މި ސަރުކާރަށް އެންމެ ބޮޑުވެފައިވާ ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުގެ މި މައްސަލާގައި އެކުލެވެ އެވެ. ވީމާ އެ ސުވާލުތައް ކުރަން ޖެހޭނެ އެވެ. އެކަމަކު އެފަދަ ތުހުމަތެއް ކުރެވި، އޯޑިއޯތަކުގެ ސައްހު ކަމާމެދު އާންމު ބުއްދިއަށް ވެސް ގަބޫލު ކުރެވޭ މިންވަރަށް މައްސަލައިގެ އޯޑިއޯތައް ސާފުވެގެން ދިޔައިރު ވެސް ސަރުކާރުން އަޅައެއް ނުލަ އެވެ. އެކަމާ އަޅާނެ ފިޔަވަޅެއް ނުފެނުނެވެ. ހުރިހާ ކަމެއް "ބަލައި ތަހުގީގުކުރާ" ރައްޔިތުންގެ މަޖިލީހަކަށް ވެސް އެއީ ކުރީގެ މިނިސްޓަރު ޝިދާތާގެ މައްސަލަ ފަދަ "ހަޔާތްކުޑަ" ކަމަކަށެއް ނުވި އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފައިސާތަކެއް ލިބިފައިވާ ކަމުގެ ތުހުމަތާއެކު، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަގުތުން ގެއަށް ފޮނުއްވާލެއްވި އެވެ. އޭރު ވަރަށް ގަދައަށް "ޒީރޯ ޓޮލަރެންސް" ގެ އުސޫލެއް ގެންގުޅުއްވި އެވެ. މިހާރު އެކަން ނެތި ފިލައި ދިޔައީ ހެއްޔެވެ؟ ނޫނީ މިނިސްޓަރު އަލީ ވަހީދު މާ ވަރުގަދަ މިނިސްޓަރަކަށްވީ ހެއްޔެވެ؟

އަލީ ވަހީދުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެސް އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި އެވެ. މިއީ އިހަށް ވެސް ކަންކަން ހިނގައި ދިޔަ ގޮތަށް ހިނގަމުންދާ ކަމެކޭ ބުނާ މީހުން މިހާރު އެހެން އެބުނަނީ އެހެން ވެގެނެވެ. އަލީ ވަހީދު ވެސް އަދީބަކަށްވީތޯ އެއީ މިހާރު މީހުން ކުރާ ސުވާލެކެވެ.