ކެބިނެޓް

އަނެއް ލީކް: ދެ ވަޒީރުން ރަނގަޅަށް ފަލީހަތް ވެއްޖެ!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ޓްރާންސްޕޯޓް މިނިސްޓަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ އިތުރު އޯޑިއޯއެއް ލީކުވެ ދެ ބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކައިގެ ކުރިން ކުރިފަޅައި ދެ ބޭފުޅުން ފަލީހަތް ވެއްޖެ އެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން "ލީކްސް" ގެ ނަމުގައި ދެ ވަޒީރަކު ދައްކަވާ ވާހަކަތަކުގެ އޯޑިއޯތަކެއް ވަނީ ލީކް ކުރަން ފަށާފަ އެވެ. ބައިބަޔަށް ލީކު ކުރަމުންދާ އޯޑިއޯތަކުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ކެބިނެޓްގެ އެހެން ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ. އެގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހުތުރު ބަސްތައް ރައްދު ކޮށްފައި ވެއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ހަޑި ހުތުރު ވާހަކަތަކެއް ދައްކަވާ ޖިންސީ ފުރައްސާރަކޮށްފައިވާ އަޑު އިވޭ އޯޑިތަކާއި ހިޔާނާތުގެ ސައްލާތަކާއި ދީން ހުއްދަ ނުކުރާ ކަންކަމަށް ހިތްވަރުދޭ ވާހަކަ ދައްކާ އަޑުތައް ހިމެނޭ އޯޑިއޯތައް ވެސް ލީކްކޮށްލާފައި ވެއެވެ. އެ އޯޑިއޯތަކުގައި ދެކެވޭ ވާހަކަތައް އަލީ ވަހީދު ދޮގު ކޮށްފައި ވަނިކޮށް އޭނާއަށް އައިޝާ ފޯނު ކުރައްވައި ދެއްކެވި ވާހަކަތަކެއް ވެސް ބޭޒާރުވެފަ އެވެ.

އެ އޯޑިއޯގައި އައިޝާ ވަނީ އަލީ ވަހީދު އަމަލު ކުރައްވާފައި ވަނީ ވަރަށް ހަޑިކޮށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަލީ ވަހީދު ވަނީ އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން މިރޭ ލީކް ކޮށްލާފައިވާ އޯޑިއޯގައި އައިޝާ ވަރަށް ބޮޑަށް ހިތްޕުޅު ހަަމަޖެހިވަޑައި ނުގެން އަލީ ވަހީދާ ވާހަކަފުުޅު ދައްކަވާ އަދި ފަހުން ޒުވާބު ކުރާ އަޑު އިވެ އެވެ.

"... އަލީ ވަހީދު އިންވޯލްވާ ކަމެއްގައި އަލީ ވަހީދަށް ގުޅާފަ ދޯ އަޅުގަނޑު ދަންނަވާނީ.. ކަމޯން!" އަލީ ވަހީދަށް ގުޅުއްވާ އައީޝާ ވިދާޅުވާ އަޑު އިވެއެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް އަލީ ވަހީދު ވަނީ އެއީ އޭނާ ކުރެއްވި ކަމެއް ނޫން ކަމަށާ އެއީ ސިޔާސީ ބަޔަކު ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިއީ މީހުންނަށް ފޯންކޮށްގެން އަޑު ރެކޯޑް ކުރާ މީހެއް ނޫން!" އަލީ ވަހީދު ވިދާޅެ އެވެ.

އެހާ ހިސާބުން ދެ ވަޒީރުންގެ ވާހަކަ ޒުވާބަކަށް ބަދަލުވެ ވަރަށް ބޮޑަށް ވާހަކަ ހޫނުވެ އެވެ. އަދި ފޯން ކޯލްތައް ރެކޯޑްކޮށްގެން ލީކް ކުރަނީ އެ ކަމަނާ ނޫން ކަމަށް މިނިސްޓަރު އައިޝާ ވެސް ވިދާޅުވެ އެވެ.

"... އަޅުގަނޑަކަށް ދެން ނޭނގެ، ބަޔަކު މި ލޯކް ވެސް ރެކޯޑް ނުކުރާނެ ކަމެއް! އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑުމެން ދެ މީހުން މިކަމާ ވާހަކަ ދައްކަން ޖެހޭ ކަން،" އައިޝާ ވިދާޅުވެ އެވެ. އެހާ ހިސާބުން އަލީ ވަހީދު ވަނީ "އަޅުގަނޑަކީ އަޅުގަނޑާ އެއްކޮށް އުޅޭ މީހުންގެ ފޯންކޯލްތައް ރެކޯޑް ކޮށްގެން އެހާ ދަށު ދަރަޖާގައި އުޅޭ މީހެއް ނޫނޭ،" ވިދާޅުވެފަ އެވެ.

ވީޑިއޯއެއް ލީކް ވެދާނެ ކަމަށް އައިޝާ ވިދާޅުވޭ

މިރޭގެ އޯޑިއޯ ޒުވާބުގައި އެހާ ހިސާބުން އައިޝާ މުޅިން އާ އެހެން ވާހަކައެއް ވެސް ވިދާޅުވެފައި ވެއެވެ. އެކަމަނާ ވިދާޅުވަނީ "ވީޑިއޯއެއް ވެސް އުޅޭ" ކަމަށެވެ.

"އަނެއްކާ ރައްޓެއްސެއްގެ ފަރާތުން އަޅުގަނޑަށް އެބަ އަޑުއިވޭ ވީޑިއޯއެއްގެ ވާހަކަ ވެސް. ލެޓްސް ސީ [ބަލަމާ ހިނގާ] އަނެއްކާ އިތުރަށް އަންނަނީ ކޮން އެއްޗެއްތޯ؟ އައި ހޯޕް [އަޅުގަނޑު އުންމީދު ކުރަން] ބޭކާރު އެއްޗެއް ނޯންނާނެ ކަމަށް!" ނަހުލާ ވިދާޅުވާ އަޑު އިވެ އެވެ.

ނަމަވެސް އަލީ ވަހީދު ތަކުރާރުކޮށް ގެންދެވީ "އަޅުގަނޑަކީ ތިޔަ ފާޑަށް އުޅޭ މީހެއް" ނޫން ކަމަށް ވިދާޅުވަމުންނެވެ.

އެހިސާބުން އައިޝާ ވިދާޅުވެ އެވެ: "އަޅުގަނޑު ދެން ބާއްވާނަން... އެކަމަކު އަޅުގަނޑު ބުނަން ބޭނުންވާ ވާހަކަ އަދިވެސް އެބަހުރި، އެކަމަކު އަޅުގަނޑަކަށް ނޭނގޭ މި ފޯން ރެކޯޑް ކުރާނެ ކަމެއް [ވެސް] ނުކުރާނެ ކަމެއް. އެހެންވީމަ އިތުރަކަށް ވާހަކައެއް ނުދައްކާނަން!"

އަލީ ވަހީދުގެ މި މައްސަލަ ފެންމަތިވެ ތަކުރާރުކޮށް ލީކްތައް އައިސްފައިވާއިރު ވެސް އޭނާއާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް ފިޔަވަޅެއް އަޅުއްވާފައެއް ނުވެ އެވެ. އަދި ފުލުހުން އެ އޯޑިއޯތަކުގައި ހިމެނޭ ޖިނާއީ ކަމެއް ބަލަމުންދާ ކަމަށް ބުނުން ފިޔަވައި ސަރުކާރުން އެކަމާމެދު ބަހެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް އޭގެ ފަހުން ވެސް ކެބިނެޓް ބައްދަލުންތަކާއި ސަރުކާރުގެ ޖަލްސާތަކުގައި އަލީވަހީދު ބައިވެރިވެ ވަޑައިގަންނަވަ އެވެ. މި މައްސަލާގައި އާންމުންގެ ފާޑުކިޔުން ސަރުކާރަށާއި އަލީ ވަހީދަށް އޮތް އިރު ރައީސާއި އަލީ ވަހީދު އޭގެ ފަހުން ހަފުލާއެއްގައި ބައްދަލުވެ ދެ ބޭފުޅުން ސަމާސާ ކުރައްވާ ފޮޓޯއެއްގެ މައްސަލާގައި އާންމުން މިއަދާއި މިރޭ ވަނީ ފާޑު ކިޔާފަ އެވެ.