އެމްޑީޕީ

އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް

Feb 24, 2020
1

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 877 ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރަައިމަރީއަށް ފަހުގައި 880 އަށްވުރެ ގިނަ ކެންޑިޑޭޓުންނަށް އެ ޕާޓީން ޓިކެޓު ދީފައިވީ ނަމަވެސް އީސީއަށް ފޯމު ހުށަހެޅީ ވެސް އޭގެ ތެރެއިން 877 ކެންޑިޑޭޓުން ކަމަށެވެ. އެ ކެންޑިޑޭޓުންގެ ފޯމުތައް ވަނީ އީސީން ބަލައިގެންފަ އެވެ.

އެހެންކަމުން ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށާއި ކައުންސިލްގެ ބައެއް ގޮނޑިތަކަށް އެމްޑީޕީން ވާދަނުކުރާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބުކުރާއިރު، އެމްޑީޕީން 106 ގޮނޑިއަކަށް ވާދައެއް ނުކުރެ އެވެ.

އެމްޑީޕީން 877 ކެންޑިޑޭޓުން ވާދަކުރާއިރު، އިދިކޮޅު ޕީޕީއެމް އިން 675 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައާއި އަދާލަތު ޕާޓީގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް މީހުން ވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން އީސީއަށް ފޯމު ހުށަހަޅާފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބު ކުރާ 983 ކައުންސިލަރުންގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރަނީ އަންހެނުންނެވެ. ހަމަ އެ ދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާއިރު، އެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.