އެމްޑީޕީ

"އެމްޑީޕީގެ ޕްރައިމަރީގައި ހަދާފައިވަނީ މާ ބޮޑެތި ގޯސް"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި، ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ހަދާފައިވަނީ ވަރަށް ބޮޑެތި ގޯސްތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ޝިފާ ވަނީ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަ ކުރައްވާފަ އެވެ. އެ އިންތިހާބުގައި ކާމިޔާބު ލިބި ވަޑައި ނުގެން ޝިފާ ވަނީ ބަލިވެފަ އެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ޓިކެޓްގައި ނުކުންނަ ވާނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

އިންތިހާބުގެ ކަންކަން ދިޔަ ގޮތާމެދު ޝިފާ ވަނީ މީގެ ކުރިން ވެސް ސުވާލު އުފައްދަވާފަ އެވެ. އަދި ބައެއް ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާދިޔައިރު، ޕްރައިމަރީގެ ސައްހަ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން މިފަހަރު އެމްޑީޕީގެ ޓިކެޓް ލިބުނު މީހުންގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގައި ކުރިން ވަރަށް އިސްކޮށް އުޅުނު މެންބަރުން ހިމެނޭ ކަމަށާ އެ މެންބަރުން އެމްޑީޕީއާ ގުޅުނީ ޓިކެޓް ހޯދަން ކަމަށްވެސް އެޕާޓީގެ ގިނަ މެންބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް އިންތިހާބުގެ ތަރުޖަމާން އަފްޝަން ލަތީފް ވަނީ ޕްރައިމަރީ ތެރޭގައި ބައެއް ގޯސްތައް ހެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކައުންސިލް އިންތިހާބަށްފަހު އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަފްޝަންގެ އެ ވާހަކަތައް ރިޕޯޓްކޮށްފައިވާ ހަބަރަކަށް ޝިފާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީތެރޭގައި ގޯސްތަކެއް ހެދިފައިވާ ކަމަށް އެއްބަސްވާން މާ ބޮޑަށް ފަސް ވެއްޖެ ކަމަށެވެ. އަދި ޕްރައިމަރީގައި ހަދާފައި ވަނީ "މާ ބޮޑެތި ގޯސްތަކެއް" ކަމަށް ވެސް ވޝިފާ ވިދާޅުވި އެވެ.

"ވަރަށް ލަސްވެއްޖެ، މާ ބޮޑެތި ގޯސް." އެމްޑީޕީގެ ޕްރައިމަރީއަށް އިޝާރާތްކުރައްވާ ޝިފާ ވިދާޅުވިއެވެ.

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިނގާ ވޯޓް ފޮށިތަކުގައި ހުޅުޖަހާ ރޯކޮށްލީ ފޯރި ގަދަވެގެން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ހިނގާދިޔަ ކަންކަމާމެދު ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށެވެ.

އެކަންކަން ކޮށްފައިވަނީ ޕާޓީގެ މެންބަރުން ކަމަަށާ އަދި އެކަމާ ދެކޮޅަށް ނުކުތީ ވެސް ޕާޓީގެ މެންބަރުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ އެފަދަ ކަންކަމުގައި ޖޯޝް ގަދަ ވެގެން އެކަހަލަ ކަންކަން ހިނގާނެ ކަމަށެވެ. ރައީސް ނަޝީދު ވަނީ ޖޯޝްގަދަ ވުމުން އެންމެ ރަނގަޅު ގޮތަކީ އެތަނަކުން ދުރަށް ވަޑައިގަތުން ނުވަތަ މޫދަށް ވަޑައިގެން ފިނިކޮށް ލެއްވުން ކަމަށެވެ.