ލައިފްސްޓައިލް

ޅޮހީ މީހުންގެ ފެވަރިޓަކީ ކޮބައިކަން އެނގޭތަ؟

ސޯޝަލް މީޑިއާ ތެރެއިން ފެނުނު ފޮޓޯއެކެވެ. އޭގައި ފެންނަނީ ބޮޑުބެރާއެކު ފޯރި ނަގަމުން ގެންދާ ފިރިހެނުންތަކެވެ. ކަރުދާސް ފޮށިގަނޑެއް ކަފާލައިގެން ހަދާފައިވާ ކާޑުބޯޑެއް ވެސް ދަނޑިގަނޑެއްގައި ހަރުކޮށްފައި ހުއްޓައި ފެނެ އެވެ. އެ މަންޒަރު ސިފަވެގެން ދަނީ މުޒާހަރާއެއްގެ ގޮތުގަ އެވެ.

ފޯރި ނަގަމުން ދިޔަ މީހުންގެ ތެރެއިން ފެންނަން ހުރި ކާޑުބޯޑުގެ ދެ ފަރާތުގައި ތަތްކޮށްފައި ވަނީ ދިވެހިންގެ މެދުގައި އެއް އިރެއްގައި ބޮޑު މަގްބޫލުކަމެއް ހޯދި ބިސްކޯދެއްގެ ވައްތަރެއް ކަމުގައިވާ ބެޓާގެ ހުސް ދެ ޕެކެޓެވެ. އެއަށް ފަހު ކަރުދާސް ބޯޑުގަނޑުގައި ލިޔެފައި އޮތީ މިހެންނެވެ: "ޅޮހީ އަންހެނުން ކަންނެތްކުރީ، ބެޓާ"

ނ. ޅޮހީގެ ބައެއް މީހުންނާ ވާހަކަ ޖެހުނީ މިހެންވެ އެވެ. އެ ރަށުގެ ބައެއް މީހުންގެ ނަމްބަރުތަކަށް ގުޅާލައިގެން ރަށުގެ މީހުންގެ ފަރާތުން އެއްކުރި މައުލޫމާތުތަކުން އެނގުނީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޯޓޯއަކީ އެއްގޮތަކަށް ވެސް ބަޔަކު މީހުން ރުޅިއަރައިގަނެގެން ޖެއްސި މުޒާހަރާއެއްގެ ފޮޓޯއެއް ނޫން ކަމެވެ.

އެއީ ބަޔަކު މީހުން ކޮށްލި ސަމާސާއެކެވެ. އެކަމަކު އީދު ދުވަހެއްގައި ނަގާލި ފޯރިއެކެވެ. އީދު ދުވަހު ދެލި މާލި ފަދަ މާލިތައް ޅޮއްސަށް އެރުމުގެ ބަދަލުގައި "ބެޓާ" މާއްޔެއް އެ ރަށަށް އެރީ ކީއްވެގެން ހެއްޔެވެ؟ ބެޓާ އާއި މި ރަށުގެ މީހުންނާ އޮތީ ކޮން ކަހަލަ ގުޅުމެއް ހެއްޔެވެ؟

މި ރަށުގެ ކައުންސިލްގެ ނައިބު ރައީސް ހުސެއިން އަފީފް އިބްރާހިމްގެ ވާހަކައިން އެނގުނު ގޮތުން އެއީ ހަމަ ހިތާއި ހިތުގެ ގުޅުމެކެވެ. އެހެންވީމަ ބެޓާ ބިސްކޯދު ނުކާ މީހާ އަދި އެ ބިސްކޯދު މީރު ނޫން މީހާ ޅޮހީ މީހަކަށް ވެސް ނުވެއޭ ބުނެވިދާނެ ހެއްޔެވެ؟

"އެހެން ބުނެވިދާނެ،" ފޯނުން ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގައި އެންމެ މަގްބޫލު ބިސްކޯދަކީ ބެޓާ ކަމަށާއި ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުންގެ މެދުގައި ބެޓާ އަކީ މަގްބޫލު އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ "ބެޓާ މާލި" ރަށަށް އަރުވައިގެން އަންހެން ވެރިންނަށް ރަށުގެ ފިރިހެން ވެރިން ހަޖޫ ޖަހާ ހިސާބަށް ކަންތައް ދިޔައީ އެ ބިސްކޯދު ރަށުގައި އެވަރަށް މަގްބޫލުވެގެން ކަމަށް ވެދާނެ ކަމަށެވެ.

"ވަރަށް ގިނައިން ރަށުގެ ކުދިން ސްކޫލަށް ދާން ހެނދުނު ކާނެ އެއްޗަކަށް [ބްރޭކްފާސްޓަކަށް] އެ ކުދިންގެ މަންމަމެން ހޯދައިދޭ އެއްޗެއް ބެޓާ އަކީ. އާންމުކޮށް ދޭނީ ބުއްތައްޓާ އެކު ބެޓާއެއް. ވަރަށް އާންމުކޮށް. އެހެންވީމަ އެކަން ވެފައި އޮންނަނީ ރަށުގެ ބައެއް ފިރިހެން ވެރިން އެކަމަކަށް ހަޖޫޖަހާ ކަމަކަށް،" އަފީފް ވިދާޅުވި އެވެ.

"މި އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ވެސް ބުނާނެ ބެޓާ އަކީ މި ރަށުގެ މީހުންނަށް ވަރަށް ހާއްސަ އެއްޗެކޭ. މާލޭގައި ބެޓާ ވިއްކާ މީހުން ވެސް ބުނާނެ ޅޮހީ މީހުންނަކީ ވަރަށް ބެޓާގެ ބައެކޭ."

އެހެން ނުބުނާވަރެއް ނޫނެވެ. އަފީފް ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

އޭނާ ކިޔައި ދެއްވި ގޮތުން މިހާރު ވެސް ރޯދަ މަހެއް ބޯމަތިވާއިރަށް ރަށުގެ ހުރިހާ ގެއެއްގެ މީހުން އެމީހުންގެ ގެތަކަށް ކޭސް ކޭހުން ބެޓާ ވައްދައި ރައްކާކުރެ އެވެ. އަދި އާއިލާ އާއި އެކުވެރިންނާ އެކު ޕިކްނިކަކަށް ދިޔަޔަސް އެންމެ މަގްބޫލު އެއްޗަކަށް ވެފައި އޮންނަނީ ބެޓާ އެވެ.

"ރޯދަ މަހު އާންމުކޮށް ގޭގެއަށް ވައްދާނެ ބެޓާ ކޭސް. ޕިކްނިކް ދަތުރުތަކަށް ވެސް ބެޓާ ގެންދާނެ ކޭސްކޭހުން. މީހަކަށް 15 ނުވަތަ 20 ބެޓާ ވަރުން ދާނީ އާންމުކޮށް."

އޭނާ ވިދާޅުވީ ބެޓާ ރަށުގެ ފިހާރަތަކުން ހުސްވުމަކީ ވެސް ވަރަށް ނުވާ ކަމެއް ކަމަށާއި ހުސްވެއްޖެ ނަމަ ވެސް ރަށުގެ މީހުން އެހާ ހިތްހަމައެއް ނުޖެހޭ ކަމަށެވެ.

ނަމަވެސް އެ ރަށުގައި "ވަނި" ނަމަކަށް ކިޔާ ފިހާރައެއް ހިންގާ އަހުމަދު ނަމަކަށް ކިޔާ 45 އަހަރުގެ ވިޔަފާރިވެރިޔަކު ބުނީ އޭނާގެ ފިހާރައަކީ "ބެޓާ ފްރީ" ފިހާރައެއް ކަމަށެވެ. އެކަމަކު ބެޓާ އަށް ރަށުގެ މީހުންގެ މެދުގައި އޮތް މަގްބޫލުކަން އޭނާ ވެސް ދޮގެއް ނުކުރެ އެވެ.

"މީގެ ހައެއްކަ އަހަރު ކުރިން އަޅުގަނޑު ވެސް މި ފިހާރައެއް ހުޅުވައިގެން އައިއިރު މި ތަނުން ވެސް ބެޓާ ލިބޭނެ. ވަރަށް ކަމުދާ އެއްޗަކަށް ވަނީ އޭރު،" އޭނާ ބުންޏެވެ.

ނަމަވެސް ރަށުން ވާހަކަ ދެއްކެވި ކައުންސިލަރު ފަދައިން މި ފިހާރައިގެ ސޭޓަކީ ބެޓާގެ ފޭނެއެއް ނޫންނެވެ. އެކަމަކު އަފީފް ވިދާޅުވީ ރަށުގައި ބެޓާ ބިސްކޯދަނީ ކުދިބޮޑު އެންމެންގެ މެދުގައި ވެސް މަގްބޫލުވެފައި އޮންނަ އެއްޗެއް ކަމަށެވެ.

"އާދެ، އަޅުގަނޑަށް ވެސް ވަރަށް ކަމުދޭ ބެޓާ. ވަކި ކުޑަކުދިންނަށް ހާއްސަ އެއްޗެއް ނޫން މި ރަށުގައި. ބޮޑެތި މީހުންނަށް ވެސް. އަދި ވަކިން ހާއްސަކޮށް އަންހެނުންގެ މެދުގައި މާ މަގްބޫލު އެއްޗެއް،" އަފީފް ވިދާޅުވި އެވެ.

އެހެންވީމަ އަންހެނުން ކަންނެތްވަނީއޭ ކިޔައިގެން ސަމާސާ ރާގެއްގެ ތެރެއިން އެ ރަށުގެ ފިރިހެން ވެރިން އެމީހުންގެ އަންހެން ވެރިންނަށް ހަޖޫޖަހަނީ އަންހެން ވެރިން ހެނދުނު މާ ބުރަ މަސައްކަތެއް ނުކޮށް ފިހާރައަކުން ބެޓާއެއް ގަނެލާފައި ކުދިންނަށް ދޭތީ ހެއްޔެވެ؟

ނޫނެކެވެ. އަފީފް ވިދާޅުވި ގޮތުން ރަށުގެ އަންހެން ވެރިންނަކީ ނިކަން ވެސް ހީވާގި ބައެކެވެ. އެގޮތުން މަގުތަކުގައި ކުނިކެހުމާއި ކެއްކުމުގައި ފާހަގަކޮށްލެވިދާނެ އެވެ.

މަސްވެރި ރަށެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޅޮހީ އަކީ މުޅި އެ އަތޮޅުގައި ވެސް މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައިކުރާ ރަށެވެ. އެ ރަށުގެ މީހުން ހާއްސަވެފައި ވަނީ ކަންނެލީގެ މަސްވެރިކަމަށެވެ. މިހާރު ވެސް ބޮޑު ބިޔަ ފަސް ދޯނި އެބައޮތެވެ. އިތުރު ދެ ދޯންޏެއް ބަންނަމުން ގެންދަނީ އެވެ.

ރަށުގެ އާބާދީ ގާތްގަނޑަކަށް 900 އަށް އަރާއިރު ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އުޅެނީ މަސްވެރިކަމުގަ އާއި ރިސޯޓް ވަޒީފާތަކުގަ އެވެ.

މި ރަށުގެ މީހުންގެ މެދުގައި ބެޓާއެއް އާދަޔާހިލާފަށް މަޝްހޫރުވެފައިވިޔަސް އެންމެ މީރު ކެއުމަކީ ގަރުދިޔަ އާއި ބަތެވެ.

އެކަމަކު ވެސް މި ރަށުގެ މީހަކަށް ހަދިޔާއެއް ދޭ ނަމަ މިހާރު ދެ ވަނަ ވިސްނުމަކަށް ދާ ޖެހޭނެހެންނެއް ހީއެއް ނުވެ އެވެ. ބެޓާ ކޭހެއް ގަނެފައި ފޮނުވާލާށެވެ.