ހަބަރު

ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއެއް ފިޓް ޖެހިގެން މަރުވެއްޖެ

ކ. ރިހިވެލި ރިސޯޓް ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއެއް ފިޓް ޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ފިޓު ޖެހި މަރުވެފައިވަނީ 48 އަހަރުގެ ޔުކްރެއިން ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އަދި، ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ. އަދި މަރުވީ ފިޓު ޖެހިގެން ކަމަށް މައުލޫމާތު ދިން ކަމަށްވެސް ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވާ ފަތުރުުވެރިންގެ އަދަދު ދަނީ ގިނަވަމުންނެވެ. މިފަދަ ހާދިސާތަށް މަދުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއިން ވަނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމާތީ ކަންކަން ހުރިގޮތް ބެލުމުގެ ބޭނުމުގައި އިންސްޕެކްޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.