ހަބަރު

ހައްޖަށް ގެންދަން ބިޑު ބަލައިގަތުމުގެ މައްސަލައެއް ފެންމަތިވެއްޖެ

Feb 24, 2020
2

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދެން ޝައުގުވެރިވާ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލްތައް ބަލައިގަތުމުގައި އިސްލާމިކް މިނިސްޓްރީން އުސޫލުތަކާ ހިލާފުވެފައި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލް ހަރަމައިން ހައްޖު ގްރޫޕުން ހުށަހެޅި ޕްރޮޕޯޒަލްގައި ދެ އަގެއް ހިމަނައިފައި ވެއެވެ. ނަމަވެސް، އެ ޕްރޮޕޯޒަލް ބާތިލު ނުކޮށް، އެއް އަގު ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ދީފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބިޑް ހުށަހެޅި އެހެން ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ބުނަނީ ކޮންމެ ކުންފުންޏަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލް ކަމަށާއި، އެއަށްވުރެ އިތުރަށް ޕްރޮޕޯޒަލް ހުށަހަޅައިފި ނަމަ، އެ ކުންފުންޏަކުން ހުށަހެޅި ހުރިހާ ޕްރޮޕޯޒަލްތަކެއް ބާތިލުވާނެ ކަމަށެވެ.

ނަމަވެސް، ހަރަމައިން ގުރޫޕުން ދެ ޕްރޮޕޯޒަލް ހުށަހަޅާފައި ނުވާ ކަމަށާއި، އެ ގުރޫޕުން ހުށަހެޅި ޕްރޮޕޯޒަލެއްގައި ދެ ހިދުމަތަކަށް ދެ އަގެއް ހުށަހަޅާފައި ވާތީ، އެތަނުން ކޮންމެވެސް އެއް އަގެއް ހިޔާރު ކުރުމުގެ ފުރުސަތު ދިން ކަމަށް އެކަމުގެ ދިފާއުގައި އިސްލާމިކް މިނިސްޓްރީން ބުނި ކަމަށްވެ އެވެ.

އެހެނަސް، ބިޑް ހުށަހެޅި އެހެން ފަރާތްތަކުގެ ވިސްނުން ތަފާތެވެ. އެ މީހުންގެ ނަޒަރުގައި ބިޑުގައި ދެ އަގެއް ހިމަނާފައިވާތީ މުޅި ޕްރޮޕޯޒަލް ބާތިލު ކުރަންޖެހޭނެ އެވެ.

އަދި ހުރިހާ ފަރާތްތަކުން ހުށަހެޅި އަގުތައް، ބިޑް ހުށަހެޅި ވަގުތު ސޮއި ކުރަންޖެހޭ ލިޔުމުގައި ހިމަނާފައިވާއިރު، އޭގެ ފަހުން ބިޑު ކުރި އަގަށް ބަދަލު ގެނައުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

މި މައްސަލާގައި ބިޑު ހުށަހެޅި އެއްވެސް ފަރާތެއް އިއުތިރާޒު ކުރާނަމަ، ހަރަމައިންގެ ޕްރޮޕޯޒަލް ބާތިލު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނި ކަމަށްވެ އެވެ. ނަމަވެސް، އެކަން އަދި ޔަގީންކުރެވޭ ގޮތެއް ނުވެ އެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދަން ކޮންމެ އަހަރަކު ވެސް ހުއްދެ ދެނީ ސަރުކާރުގެ ހައްޖު ކުންފުނި ހިމެނޭ ގޮތުން ފަސް ކުންފުންޏަަކަށެވެ.

މީގެ ކުރިން އަލް ހަރަމައިން ހައްޖު ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން މިން ވަރަށް ވުރެ އިތުރަށް މީހުން އަތުން ފައިސާ ނަގާފައިވާ ކަމުގެ މައްސަލައެއް ފެންމަތިވި އެވެ.