ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައި، އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ނުކުންނަން ރާވާނެ ކަމުގެ ތުހުމަތުކޮށްފި އެވެ.
މި ތުހުމަތުކޮށްފައިވަނީ އިމްރާންގެ ދަށުން މަސައްކަތް ކުރެއްވި ކަރެކްޝަނަލް ސާވިސްގެ ކުރީގެ ކޮމިޝަނަރު އަބްދުﷲ މުނާޒެވެ.
މިއަދު މާފުށީ ޖަލަށް ވަޑައިގެން އިމްރާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމަކީ ޖަލުގައި އެމަނިކުފާނާމެދު އަމަލު ކުރެވޭ ގޮތާއި އެމަނިކުފާނުގެ ސިއްހީ ހާލަތު ސާފު ކުރެއްވުމަށް މިނިސްޓަރު އިމްރާން ބޭއްވެވި ބައްދަލުވުމެކެވެ.
ނަމަވެސް އެކަމުގައި ފޮރުވިފައިވާ މަގުސަދެއްވާ ކަމުގެ މޭރަމަކުން ޓްވީޓް ކުރައްވައި މުނާޒު ވިދާޅުވީ އެމްޑީޕީ ހޭލަން ވެއްޖެ ކަމަށެވެ.
"މަޑުމަޑުން ތިލަވޭ، ދެން ފެންނާނީ އަދީބުގެ ބޮލަށް ހުރިހާ ކަމެއް ޖެހުމަށްފަހު ގައުމަށްޓަކައި ދީނަށްޓަކައި ހާމަކަން ބޮޑުކޮށް ސަރުކާރުގައި ތިބެގެން އަމަލީ މަސައްކަތް ފަށާތަން،" މުނާޒު ވިދާޅުވި އެވެ.
ޖަލުގެ ހަމަނުޖެހުންތަކަކަށްފަހު މުނާޒު މަގާމުން ވަކިކުރުމަށްފަހު އޭނާ ގެންދަވަނީ އިމްރާނަށް ތަފާތު ތުހުމަތުތައް ކުރައްވަމުންނެވެ. ނަމަވެސް އޭނާގެ ތުހުމަތުތައް އިމްރާން ދޮގު ކުރައްވަ އެވެ. މަގާމުގައި ހުންނެވިއިރު މުނާޒު ވަނީ އިމްރާންއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އޭނާގެ ބަސް މަގު ތަފާތުވީ މަގާމު ގެއްލުމުންނެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަދާލަތު ޕާޓީ ތިބުމަށްފަހު އިމްރާން އިސްވެ ހުންނަވާ ސަރުކާރާ ދެކޮޅަށް ނުކުތެވެ. އެގޮތުން ފެށި ސިލްސިލާ މުޒާހަރާތަކުގެ ނަތީޖާއަކަށްވީ ސަރުކާރު ވެއްޓުމެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީ ތިބުމަށްފަހު، އިމްރާން އިސްވެ ހުންނަވާ ސަރުކާރާ ދެކޮޅަށް ނުކުތެވެ. މޭޑޭގެ ބޮޑު މުޒާހަރާއަކީ އިމްރާންގެ މޭސްތިރިކަމުގައި ބޭއްވި މުޒާހަރާއެކެވެ. އެ މުޒާހަރާއާ ގުޅިގެން އިމްރާން ހައްޔަރުކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އަދާލަތު ޕާޓީއަކީ ކޯލިޝަންގެ ހިއްސާދާރެކެވެ. ކޯލިޝަންގެ ތެރެއިން އިމްރާން ވަނީ ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންފަ އެވެ. މި ދުވަސްވަރަކީ ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑު އަދި އެމްޑީޕީއިން ވަކިވާން އުޅޭ ކަމުގެ އަޑުތައް ގަދަ ދުވަސްވަރެކެވެ.