ޑރ. މުހައްމަދު ޖަމީލް އަހުމަދު

އެމްޑީޕީ ލީޑަރުން ދައްކަނީ ހުތުރު ކަންތައް: ޖަމީލް

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ލީޑާޝިޕުން މިހާތަނަށް ގެނެސްދީފައިވަނީ މުޅިންވެސް ފިތުނަވެރި ހުތުރު ކަންތައްތައް ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކައުންސިލް އިންތިހާބުގެ ކެންޕެއިން ފެށުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމަށް އިޝާރާތް ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި، އެމަނިކުފާނުގެ ބަސްމަގު ބައްޓަން ކުރެއްވި ގޮތަށް ފާޑު ވިދާޅުވަމުންނެވެ.

ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ރައީސް ނަޝީދު އެ ރޭ ވިދާޅުވީ ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމަށް މެޖޯރިޓީ ދިނުމަކީ ޑްރެކިއުލާ އަކާ ބްލަޑް ބޭންކެއް ހަވާލުކުރުމާ އެއްވަރުގެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މާލެ މި ފަހުން ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ "ހޮޅި މުއިއްޒު" ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު މުއިއްޒުއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މުއިއްޒު އަކީ މިފަހަރުގެ އިންތިހާބުގައި އިދިކޮޅުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ ނަމޫނާ ދައްކަން ތިއްބެވި ބޭފުޅުން ހުތުރުކޮށް އުޅުއްވުމުން މުޅި ޖީލަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

"މިހާތަނަށް އެމްޑީޕީގެ ލީޑާޝިޕުން އުފާވެރި ކަމެއް ގެނެސް ނުދޭ، މުޅިންވެސް ފިިތުނަވެރި ހުތުރު ކަންތައް." ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޑު ވިދާޅުވަމުން ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަސްމަގާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ އެހެން މީހުންނަށްވެސް އިހުތިރާމާއެެކު މުއާމަލާތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ނަޝީދުގެ ހައިސިއްޔަތު ހަނދާން ނައްތާނުލުމަށްވެސް އެދިވަޑައިގެންނެވިއެވެ.

"ރައީސް ނަޝީދު، މިރޭ މާ ޕްރެޝަރު ބޮޑުވީތޯ. ތިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެހެން މީހުންނަށްވެސް އިހުތިރާމް ކުރައްވާ. ސަރުކާރުން ނުފޫޒު ނުފޯރުވައިފިނަމަ މާލޭގެ މޭޔަރަކަށް ހޮވޭނީ ޑރ. މުއިއްޒު. އިންޝާﷲ." ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޑްރެކިއުލާގެ ނުރައްކާ އެންމެ ބޮޑީ މިހާރު ކަމަށެވެ. އިންޓަނޭޝަނަލް ޓްރާސްޕޭރަންސީ ކޮރަޕްޝަން އިންޑެކްސް ރިޕޯޓްގައި 2019 ގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ދީފިނަމަ އެއީ ރާއްޖޭގައި "ސެކިއުލަރިޒަމް" ފެތުރުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.

"ދިވެހިން މިހާރު ތިބީކީ އެމްޑީޕީއަށް ކައުންސިލް އިންތިހާބު ދޭ ގޮތަކަށް ނޫން."

އާދަމް ޝަރީފް ވިދާޅުވީ ދިވެހިން އެމްޑީޕީއަށް ވެރިކަމާއި، މަޖިލީހުގެ މެޖޯރިޓީ ދީފައިވާ ކަމަށާ ނަމަވެސް ރައްޔިތުން އެދުނު ފަދަ ވެރިކަމެއް ނުކޮށް ދެވުނު ކަމަށެވެ. އަދި ކައުންސިލް އިންތިހާބު ދިންނަމަވެސް އެމްޑީޕީއަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތްކަން ރައްޔިތުން ދަންނަ ކަމަށް ވިދާޅުވިއެވެ.

"ދިވެހިންނަކީ ހޭލުންތެރި ބައެއް. 'އަތެއް އޮތަކަސް، ބަތެއް ނުކެވޭނެކަން' ދިވެހިންނަށް އެނގޭ." އެމްޑީޕީއަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.