ދުނިޔެ

ހުސްނީ މުބާރަކު އަވަހާރަވެއްޖެ

Feb 25, 2020
3

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކު އަވަހާރަ ވެއްޖެ އެވެ. އެ މަނިކުފާނު އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު އެވެ.

އަދި ރައީސް މުބާރަކު އަވަހާރަވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކުރައްވާފައި އޮންނަވާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

މިސްރުގެ ހަތަރުވަނަ ރައީސް ހުސްނީ މުބާރަކު އެ ގައުމުގެ ވެރިކަން ކުރެއްވީ 1981 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް 30 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި ފަހުން އެކި އެކި ދައުވާތައް އެ މަނިކުފާނުގެ މައްޗަށް އުފުލައި، ބަހައްޓާފައި ވަނީ ޖަލުތަކުގަޔާއި އަސްކަރީ ހޮސްޕިޓަލްތަކުގަ އެވެ. އެކަމަކު އޭގެ ހަ އަހަރު ފަހުން 2017 ވަނަ އަހަރުގައި އޭނާގެ ކުށެއް ނެތް ކަމަށް މިދިޔަ އަހަރު ނިންމައި ވަނީ މިނިވަން ކޮށްފަ އެވެ.

މުބާރަކްގެ އިތުރުން އޭނާގެ ދެ ބޭފުޅުން ކަމަށްވާ އާލާ އާއި ގަމާލްގެ މައްޗަށް އިހުތިޖާޖުތަކުގައި މީހުން މެރުމުގެ ދައުވާ އާއި ކޮރަޕްޝަނާއި ހިޔާނާތުގެ އެކި ދައުވާތައް އުފުލާފައިވެ އެވެ.

މިސްރުގެ އެއާފޯސްގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުބާރަކު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ
މިސްރުގެ ކުރީގެ ރައީސް އަންވަރު ސަދާތުގެ ނައިބު ރައީސްގެ ގޮތުގަ އެވެ. އަދި 1981 ވަނަ އަހަރު އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައީސް ކަމުގައި ހުންނެވި އަންވަރު އަވަހާރަވު މުންނެވެ.