ހަބަރު

އަރާރުމާހެދި ސިޓީ ކައުންސިލްގެ ޖަލްސާ ކުރިޔަކަށް ނުދިޔަ

މާލޭ ސިޓީ ކައުންސިލްގެ މެންބަރުގެ މިއަދު ބޭއްވި ޖަލްސާ ކައުންސިލަރުން މެދުގައި އަރާރުން ބޮޑުވެ ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ. ލައިވްކޮށްގެން މިއަދު ބާއްވަން އުޅުނީ އެ ކައުންސިލްގެ ތިން ވަނަ ދައުރުގެ 91 ވަނަ ޖަލްސާ އެވެ.

މިއަދު ޖަލްސާ ފެށުމާއެކު ކައުންސިލަރުން އަރާރުންތައް ފެށުނީ ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދެއްވަނީސް މެންބަރު މުހައްމަދު ފަޒީން ވާހަކަ ދައްކަވާތީ މޭޔަރު ޝިފާ އެކަމަށް ހުރަސް އަޅުއްވަން ފެއްޓެވި ހިސާބުންޏެވެ.

މިއަދުގެ ޖަލްސާގައި ހުޅުމާލޭގައި އިމާރާތް ކުރާ ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތް އިއުލާން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ. އަދި މި މަސައްކަތް ކުރުމަށް ވީހާ ވެސް އަވަހަކަށް އިއުލާން ކުރަން ފާސްކޮށްފައި ވެއެވެ.

މީގެ އިތުރުން ލޯކަލް މާރުކޭޓް ގޮޅިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރިއެވެ. އެގޮތުން މިހާރު ދޫނުކޮށް ހުރި 14 ގޮޅި ދޫކުރުމުގައި އިސކަން ދޭނީ މަގުމަތީގައި ޕެލެޓްގަނޑ ބާއްވައިގެން މުދާ ވިއްކަމުންދާ ފަރާތްތަކަށްތޯ ނުވަތަ ބިދޭސީންނާއި ނުލައި ރަނގަޅުގޮތުގައި ގޮޅިތަށް ހިންގަމުން އަންނަ 50 ދިވެއްސަކަށްތޯ ނިންމަން މަޝްވަރާކޮށްފައި އެވެ. ނަމަވެސް އެކަމަށް ގޮތެއް ނުނިމެނީސް ޖަލްސާގެ ތެރޭގައި އަރައިރުން ބޮޑުވެ ޖަލްސާ ނިންމާލަން ޖެހުނީ އެވެ.

ކުރިޔަށް ނުގެންދެވި ހުއްޓާލި ޖަލްސާގެ އެޖެންޑާގައި ފެއާ އާއި ނައިޓް މާކެޓް މާލޭގައި ބާއްވާނެ ގޮތުގެ އުސޫލަށް ގެންނަ އިސްލާހު ކައުންސިލަރުންނާ ހިއްސާކުރުމާއި، މަސްވެރިންގެ ޕާކްގައި ހަދާފައިވާ ފަތުރުވެރިންނަށް ހިދުމަތްދޭ ސެންޓަރު ނުވަތަ "ފަތުރުވެހި" ހިންގައިދޭން ކްރޮސް ރޯޑްސް މޯލްޑިވްސް އާއި ޖަލްބޫޓް މޯލްޑިވްސް އިން ފޮނުވި ސިޓީ ހިއްސާކުރުމާއި ވެލާނާގޭގައި ހުރި މެކޭނިކަލް ޕާކިން އާ ގުޅޭ މައްސަލައާއި ކައުންސިލްގެ ބިންތަކުގެ މައްސަލަ އާއި މާލެ ސިޓީގެ މަގުތަކުގެ ހުންނަ ހުސް ޖާގަތައް ޕާކިން އަށް ދޫކުރުމާއި އަދި އެތަންތަނުގެ އަގުތައް ކަނޑައެޅުމަށްފަހު ވޯޓަށް އަހަން ވެސް އެޖެންޑާގައި އޮތެވެ.