ހަބަރު

ޑޮކްޓަރުގެ ލަފާ ރައީސް ޔާމީންގެ އާއިލާއާ ހިއްސާކޮށްފި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލަފާ އާއިލާއާ ހިއްސާ ކުރައްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގެ ހާލަތު އެންމެ ގާތުން ބެލުމަށް އިއްޔެ އިމްރާން ވަނީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާވެސް ބައްދަލު ކުރައްވާފަ އެވެ.

މާފުށީ ޖަލަށް ކުރި ޒިޔާރަތާގުޅޭ ގޮތުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ މާފުށީ ޖަލުގެ މިވަގުތުގެ ހާލަތު އެންމެ ގާތުން ބެލުމަށް ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ރައީސް ޔާމީނާ ބައްދަލު ކުރައްވާ އެމަނިކުފާނުގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އަދި އެމަނިކުފާނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފަޔާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށާއި ޑޮކްޓަރުން ދެއްވާފައިވާ ލަފާ އެމަނިކުފާނުގެ އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށްވެސް އިމްރާނު ވިދާޅުވި އެވެ.

ރައީސް ޔާމީނާ އިއްޔެ އިމްރާން ބައްދަލު ކުރައްވާފައިވާއިރު ޓެސްޓްތަކެއް ހެދުމަށްޓަކައި ރައީސް ޔާމީން މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލެ ގެނެސް ތިން ދުވަސްވަންދެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޮންނެވުމަށްފަހު އެމަނިކުފާނު ހަދަން ޖެހޭ ޓެސްޓްތައް ހަދައި ނިމުމުން ވަނީ އަންބުރާ ޖަލަށް ގެންގޮސްފަ އެވެ.

މަނީ ލޯންޑްރިން މައްސަލައަިގައި ޖަލަށްލާން ހުކުމް ކުރުމުން އެމަނިކުފާނުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މި މައްސަލައިގައި އެންމެފަހުން ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތަކުގައި އެމަނިކުފާނުގެ ބަލި ހާލަތުގެ ވާހަކަތައް ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރުގައި ނަފުސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުންވެސް ފުލުހުން ބަލަމުންދާ މައްސަލަތަކަކާއި ގުޅިގެން ރައީސް ޔާމީނު ފުލުހަށް ހާޒިރުކުރުމަށް ވަނީ އަންގާފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަން ފުލުހުން ހާމަކޮއްފައެއް ނުވެ އެވެ.