ރައީސް އަބްދުﷲ ޔާމީން

ސަރުކާރުން ޔާމީނަށް ދެ ހުށައެޅުމެއް: ވިދާޅުވީ ނޫނެކޭ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގައުމުން ބޭރަށް ފުރުވާލަން ސަރުކާރުން ހުށައެޅި ހުށައެޅުމަށް އެމަނިކުފާނު ދެކޮޅު ހައްދަވައިފި އެވެ.

ރައީސް ޔާމީންގެ އަރިސް އަދި އެ މަނިކުފާނުގެ ޕާޓީގެ ތެރޭގައި ވެސް އިސްކޮށް އުޅުއްވާ އިތުބާރު ހިފޭ ބައެއް ބޭފުޅުން އަވަސްއަށް ކަަށަވަރު ކޮށްދެެއްވި ގޮތުގައި ރައީސް ޔާމީނަށް އެ ދެ ހުށައެޅުން ހުށައެޅުއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިއްޔެ ރައީސް ޔާމީނާ ބައްދަލު ކުރައްވައިގެނެވެ. އިއްޔެ މާފުށީ ޖަލުގައި އޮތް އެ ބައްދަލްވުމުގައި ސަރުކާރުގެ ފަރާތުން ރައީސް ޔާމީނަށް ދެ ކަމެއް ހުށައަޅުއްވެވި އެވެ.

އެއީ މިހާރު ކޮށްފައިވާ ހުކުމާއި ގުޅިގެން ދައްކަވަންޖި ވަޑައިގަންނަވާ ފައިސާ ދައުލަތަށް ދެއްކެވުމަށާއި ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ. ފަރުވާއަށް ރާއްޖެއިން ބޭރުގައި ވަކި މުއްދަތެއް ހޭދަ ކުރެއްވުމަށް ޝަރުތު ކުރެއްވި ކަމަށް އެނގިފައި ވެއެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލު ކަމަށް އަލުން ގެންނަވާފަ އެވެ. އަދި ސަރުކާރުން ހުށައަޅުއްވާ ގޮތަށް ލުއި ހޯއްދެވުމަށް ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ ކުރިންވެސް ޝަރުތުތަކެއް ހުށައަޅުއްވާ، ގޭ ބަންދަށް ބަދަލު ކުރެއްވުމަށް ވެސް ސަރުކާރުން ހުށަހެޅުއްވެވި ކަމަށް ވެއެވެ. އެފަހަރު ވެސް މިނިވަންވަނެއްގެ ގޮތުގައި ނޫނީ ގެއަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި ކަމަށް ވެއެވެ.

މާފުށީ ޖަލަށް ކުރި ޒިޔާރަތާގުޅޭ ގޮތުން އިމްރާން ކުރެއްވީ ޓުވީޓްތަކެކެވެ. އޭގައި ވިދާޅުވީ އިއްޔެ މާފުށީ ޖަލުގެ ހާލަތު ބަލަން ޖަލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީނާ ބައްދަލު ކުރައްވާ އެމަނިކުފާނުގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އަދި އެމަނިކުފާނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފަޔާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށާއި ޑޮކްޓަރުން ދެއްވާފައިވާ ލަފާ އެމަނިކުފާނުގެ އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީން ބޭރަށް ފުރުވާލަން އެދުނު މައްސަލާގައި ސަރުކާރުން އަދި އެއްޗެކޭ ނުބުނެ އެވެ.

ރައީސް ޔާމީނާ އިއްޔެ އިމްރާން ބައްދަލު ކުރައްވާފައިވާއިރު ޓެސްޓްތަކެއް ހެދުމަށްޓަކައި އެ މަނިކުފާނު މިދިޔަ ހަފުތާގެ ބުދަ ދުވަހު މާލެ ގެނެސް ތިން ދުވަސްވަން ދެން އައިޖީއެމްއެޗްގައި އޮންނެވި އެވެ.

މަނީ ލޯންޑްރިން މައްސަލައަިގައި ޖަލަށްލާން ހުކުމް ކުރުމުން އެމަނިކުފާނުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތަކުގައި އެމަނިކުފާނުގެ ބަލި ހާލަތުގެ ވާހަކަތައް ވަނީ ވިދާޅުވެފަ އެވެ.