މާލޭ ސިޓީ ކައުންސިލް

ތުހުމަތެއް: ސިޓީ ކައުންސިލްގެ ނިންމުންތަކަށް ރައީސް ނަޝީދުގެ ނުފޫޒު

Feb 26, 2020
8

މާލެ ސިޓީ ކައުންސިލްގެ ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު ފޯރުވަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފި އެވެ.

އަވަސްއާ ވާހަކަދައްކަމުން ނަޝީދު، ރައީސްކަން ކުރައްވަމުން ގެންދަވާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ވިދާޅުވީ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށް ގެންދަންވާ ގޮތާއި، މެންބަރުން ދައްކަވަން ޖެހޭ ވާހަކަތަކާއި، އަދި ނިންމަންޖެހޭ ނިންމުންތައް ވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން އަންގަވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ކައުންސިލްގެ ރަސްމީ ބައްދަލުވުން ބޭއްވުމުގެ އެއް ދުވަސްކުރިން ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަޑައިގަންނަވާ ބޭފުޅަކު ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވާ އެ ބައްދަލުވުމުގައި ނިންމަންޖެހޭ ކަންކަން އަންގަވާ ކަމަށެވެ. ނަޝީދުގެ ފަރާތްޕުޅުން އެ އެންގެވުންތައް އަންގަވަން ވަޑައިގަންނަވަނީ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"މިހާރު ސިޓީ ކައުންސިލް ޖަލްސާތައް ލައިވް ކުރާތީ، ރިހާސަލެއް ކަމަށް ބުނެ އެއް ދުވަސްކުރިން މިކަން ބާއްވަނީ. މި ބައްދަލްވުމަށް ރައީސް ނަޝީދުގެ ވަކީލަކު [މަހުފޫޒް ސައީދު] ވަޑައިގެން ވިދާޅުވެ ދެއްވަނީ ޖަލްސާ ކުރިއަށް ގެންދަންވީ ގޮތް. އަދި އެ ޖަލްސާގައި ވާހަކަދައްކަން ޖެހޭ ގޮތް. މިސާލަކަށް ރިޔާސަތުން ކަމެއް ހުށައެޅުމުން އެކަމަށް ތާއީދު ކުރާނެ ކައުންސިލަރާއި، ތާއީދު ކުރަމުން އެ ކައުންސިލަރަކު ދައްކަންޖެހޭ ވާހަކަތައް ވެސް އެބަ ވިދާޅުވޭ،" އެ މެންބަރަކު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ އެ މެންބަރުން ވަނީ ސިޓީ ކައުންސިލްގެ ހާލަތު އެ ހިސާބަށް ގޮސްފައި ވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

އެ މެންބަރުން ވިދާޅުވީ ލައިވްކުރާ ޖަލްސާތައް ގެންދަން އަންގަނީ ޑްރާމާއެއްގެ ގޮތަށް ކުރިން ސްކްރިޕްޓެއް ލިޔެގެން ކަމަށެވެ. އަދި އެގޮތަށް ބައްދަލުވުން ކުރިއަށް ގެންދަން ބޭނުންނު ވާ މެންބަރުން އެއީ ކައުންސިލަށް އެއްބާރުލުން ނުދޭ މެންބަރުންގެ ގޮތުގައި ސިފަ ކުރަމުންދާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރުގެ އިއްޔެ ބޭއްވި ޖަލްސާ ކައުންސިލަރުން މެދުގައި އަރާރުން ބޮޑުވެ ކުރިޔަށް ނުގެންދެވިގެން ވަނީ ހުއްޓާލާފަ އެވެ. ލައިވްކޮށްގެން ބާއްވަން އުޅުނީ އެ ކައުންސިލްގެ ތިން ވަނަ ދައުރުގެ 91 ވަނަ ޖަލްސާ އެވެ.

ޖަލްސާ ފެށުމާއެކު ކައުންސިލަރުން އަރާރުންތައް ފެށުނީ ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދެއްވަނީސް މެންބަރު މުހައްމަދު ފަޒީން ވާހަކަ ދައްކަވާތީ މޭޔަރު ޝިފާ އެކަމަށް ހުރަސް އަޅުއްވަން ފެއްޓެވި ހިސާބުންޏެވެ.

ކުރިޔަށް ނުގެންދެވި ހުއްޓާލި ޖަލްސާގެ އެޖެންޑާގައި ފެއާ އާއި ނައިޓް މާކެޓް މާލޭގައި ބާއްވާނެ ގޮތުގެ އުސޫލަށް ގެންނަ އިސްލާހު ކައުންސިލަރުންނާ ހިއްސާކުރުމާއި، މަސްވެރިންގެ ޕާކްގައި ހަދާފައިވާ ފަތުރުވެރިންނަށް ހިދުމަތްދޭ ސެންޓަރު ނުވަތަ "ފަތުރުވެހި" ހިންގައިދޭން ކްރޮސް ރޯޑްސް މޯލްޑިވްސް އާއި ޖަލްބޫޓް މޯލްޑިވްސް އިން ފޮނުވި ސިޓީ ހިއްސާކުރުމާއި ވެލާނާގޭގައި ހުރި މެކޭނިކަލް ޕާކިން އާ ގުޅޭ މައްސަލައާއި ކައުންސިލްގެ ބިންތަކުގެ މައްސަލަ އާއި މާލެ ސިޓީގެ މަގުތަކުގެ ހުންނަ ހުސް ޖާގަތައް ޕާކިން އަށް ދޫކުރުމާއި އަދި އެތަންތަނުގެ އަގުތައް ކަނޑައެޅުމަށްފަހު ވޯޓަށް އަހަން ވެސް އެޖެންޑާގައި އޮތެވެ.