މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ކައުންސިލަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބިރު ދައްކާފައިނުވާ ކަމަށް ބައެެއް ކައުންސިލަރުން ބުނެފި އެވެ.
މޭޔަރުގެ އިތުބާރު ވޯޓާއި ގުޅިގެން ކައުންސިލަރުންނަށް ރައީސް ނަޝީދު ބިރު ދައްކާފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުވެސް ވަނީ ހަބަރު ފަތުރާފައެވެ. އެ ހަބަރު ދޮގުކޮށް ސިޓީ ކައުންސިލްގެ ހަތަރު މެންބަރަކު ސޮއިކޮށް ވަނީ ގުޅިގެން ބަޔާނެއް ނެރެފައެވެ.
ކައުންސިލަރު އަހުމަދު ޒަމީރާއި ކައުންސިލަރު ހުސައިން ޝަރީފްއާއި ކައުންސިލަރު އަހުމަދު ނިޔާޒު އަދި ކައުންސިލަރު ހަމްނާ ވަހީދު ސޮއިކޮށް މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލަރުންނާއި ބައްދަލްކޮށް ރައީސް ނަޝީދު ބިރު ދައްކާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލަރުންނާއި ބައްދަލުކޮށް ޕާޓީގެ ލީޑާޝިޕް އަދި ކައުންސިލް މެންބަރުން ގުޅިގެން އިތުރަށް ކުރެވެން ހުރި މަސައްކަތުގެ މަޝްވަރާ ކުރެވުނު އެ ބައްދަލްވުމާއި ގުޅިގެން އެހެން ގޮތަކަށް ދެކެވޭ ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ހިންގާ ފިނޑި އަމަލެއް ކަމުގައި ދެކެން،" އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ފިކުރަކީ އަބަދުވެސް މަޝްވަރާ ކުރުމުގެ އުސޫލު ކަމަށާ ކުރިއަށް އޮތްތާވެސް އެކަން ހިނގާނީ އެ އުސޫލުން ކަމަށްވެސް ކައުންސިލަރުންގެ ބަޔާނުގައިވެއެވެ.
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސިޓީގެ ކައުންސިލަށް ހުށަހަޅައި އެކަމަނާ ޖަވާބުދާރީވެ ވަޑައިގަތުމަށް މުއްދަތު ދީފައިވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އަންގާފަ އެވެ.
އެލްޖީއޭގެ ސީއީއޯ އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ސޮއިކުރައްވާ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މޭޔަރުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެން އެލްޖީއޭއިން އިންކުއަރީއެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި މައްސަލަ ރައްދުވާ އެއް ކައުންސިލަރަކު ހުށައަޅާފައިވާ މާލެ ސިޓީގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުން ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.
"ވީމާ މި އޮތޯރިޓީގެ ސިޓީގައި ބަޔާންކޮށްފައިވާ އިންކުއަރީ ހެދުމުގެ މަސައްކަތް އޮތޯރިޓީން ކުރަމުން ގެންދާ މި ދަނޑިވަޅުގައި މައްސަލަ ރައްދުވާ ކައުންސިލަރަކު ހުށައަޅުއްވާފައިވާ ތިޔަ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓް މިވަގުތު ކުރިއަށް ނުގެންދިއުމަށް ދެންނެވީމެވެ،" މިއަދު އެލްޖީއޭއިން ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.