ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޮފްބީޓް

ޗައިނާގެ އަންހެނަކު އެންޓި ކޮރޯނާ ވައިރަސް ޓެންޓެއް ހަދައިފި

ޗައިނާގެ ހޫބޭ ޕްރޮވިންސްގައި ދިރިއުޅޭ އަންހެނަކު އޭނާގެ ދަރިފުޅު ގޭން ބޭރުގައި އިނދެގެން ކިޔެވޭނެ ގޮތް ހެދުމަށްޓަކައި އެންޓި-ކޮރޯނާވައިރަސް ޓެންޓެއް ތައްޔާރުކޮށްފި އެވެ.

އޮނުން ފްރޭމެއް ހަދައި ވަށައިގެން ސެލޯފޭން ކަހަލަ ޕްލާސްޓިކެއް ހަރުކޮށްގެން ހަދާފައިވާ މި ޓެންޓްގައި އިނދެގެން މި އަންހެންމީހާގެ ދަރިފުޅަށް ވައިރަސް އަރާފާނެކަމުގެ ބިރެއް ނެތި ކިޔެވޭނެކަމަށް ވެއެވެ.

އިނގިރޭސި ވިލާތުގެ ނޫހަކުން ބުނެފައިވާ ގޮތުގައި ބީ މެންގްކީ ނަމަކަށް ކިޔާ ހަތް އަހަރުގެ މި ކުއްޖާ މިހާރު ކިޔަވަނީ ރަށްފުށުގެ ހިސާބުގައި ހުންނަ އޭނާގެ ގޭގައި އިނދެގެން އޮންލައިން ކޮށެވެ. އެގޮތަށް ކިޔަވަން ގޭތެރޭގައި އިނދެވޭގޮތް ނުވަނީ އިންޓަނެޓް ކަނެކްޝަން އެކަށީގެންވާ ގޮތެއްގައި ގޭތެރެއަށް ނުލިބޭތީ އެވެ. އެހެންވެ ގޭގެ ގޯތިތެރޭގައި އިނދެގެން ކިޔަވަންޖެހޭތީ އާ ގޮތަކަށް ޓެންޓެއް ތައްޔާރުކުރަން އެ ކުއްޖާގެ މަންމަ ގަސްތުކުރީ އެވެ.

ބަލި ފެތުރެމުންދާ ހިސާބުތަކުގައި ހުރި ސްކޫލްތައް ހުޅުވުން ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން އަދިވެސް ގެންދަނީ ފަސްކުރަމުންނެވެ. އެއީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ. އެހެންވެ ކުދިންގެ މައިންބަފައިންނާއި ސްކޫލްތައް ގުޅިގެން އޮންލައިންކޮށް ތައުލީމު ދެވޭނެ ގޮތްތަކެއް ވަނީ ހަމަޖައްސާފަ އެވެ.

މި ކުއްޖާ ޓެންޓު ތެރޭގައި ކިޔަވަން އިންދާ ނަގާފައިވާ ވީޑިއޯއެއް ޗައިނާގެ މައިކްބްލޮގިން ޕްލެޓްފޯމް ވީބޯގައި ވަނީ ޝެއާ ކޮށްފަ އެވެ. މި ވީޑިއޯއިން ފެންނަނީ ހަތް އަހަރުގެ ދަރިފުޅާއެކު އޭނާގެ މަންމަ ވެސް ޓެންޓުތެރޭގައި އިށީނދެގެން އިންދަ އެވެ.

ޗައިނާގައި ހޯމަ ދުވަހު އެކަނި ވެސް 409 މީހަކަށް އަލަށް ކޮރޯނާވައިރަސް ޖެހިފައި ވެއެވެ. މި އަދަދާއެކު މިހާތަނަށް ޖުމްލަ 77150 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި އެ ދުވަހު 150 މީހުން މަރުވެފައި ވެއެވެ. މިއީ މަރުވާ މީހުންގެ އަދަދު ދަށްވަމުން އަންނަތާ ދެ ތިން ދުވަސް ފަހުން އަނެއްކާވެސް މިއަދަދު މާ މައްޗަށް ދިޔަ ދުވަހެކެވެ. މިހާތަނަށް މި ބަލީގައި ޗައިނާއިން އެކަނިވެސް 2592 މީހުން މަރުވެފައި ވެއެވެ.