އަބްދުﷲ ޖިހާދު

ނުޙައްގު މުއްސަނދިކަން ހޯދާފައިވާތީ ކުރީގެ ނައިބު ރައީސް ޖިހާދަށް ދައުވާކޮށްފި

Feb 26, 2020
6

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދައުލަތުން ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ މިލިއަނަކަށް ވުރެ ގިނަ ރުފާއިން ބަދަލު ހޯދަން ދަޢުވާ ކޮށްފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ދައުލަތުން ރެހެންދި3 ގެ ދެ ފްލެޓެއް ހަމަޖައްސައިދިން ކަމަށެވެ.

އަދި ބުނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވުމުން އެތަން ހުސްކުރަން ދައުލަތުން ޖިހާދަށް އެންގުމުން ވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން ޖިހާދު އެތަން ބޭނުން ކުރެއްވި ކަމަށެވެ.

ޖިހާދު އެތަން ދޫކޮށްލެއްވީ ފެބްރުއަރީ 17، 2020 ގައެވެ.

އޭޖީ އޮފީހުން ބުނީ ގާނޫނީ ހައިސިއްޔަތެއް ނެތި ޖިހާދު ދައުލަތުގެ މުދަލެއް ބޭނުން ކުރެއްވި މުއްދަތަށް ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދީ އަދި ޖިހާދު ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 ދައުލަތަށް އެކީ އެއްފަހަރާ ހޯދަން ސިވިލް ކޯޓަށް މިއަދު މައްސަލަ ވައްދާފައިވާ ކަމަށެވެ.

ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވެވި ޖިހާދަކީ ރައީސް އަބްދުﷲ ޔާމީންގެ ތިން ވަނަ ނައިބު ރައީސެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމުން ޖިހާދު ވަނީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ ގުޅި ވަޑައިގެން ސިޔާސީ މަސައްކަތް ފައްޓަވާފަ އެވެ.