އަބްދުﷲ ޖިހާދު

އޭޖީ އޮފީހުން ހެދީ ދޮގު، ދައުވާއަށް ތައްޔާރު: ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދައުލަތުން ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ މިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން ބަދަލު ހޯދުމަށް ހުށައެޅި މައްސަލައަކީ އަބުރު ކަތިލުމުގެ އަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ދައުލަތުން ރެހެންދި3 ގެ ދެ ފްލެޓެއް ހަމަޖައްސައިދިން ކަމަށެވެ.

އަދި ބުނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވުމުން އެތަން ހުސްކުރަން ދައުލަތުން ޖިހާދަށް އެންގުމުން ވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން ޖިހާދު އެތަން ބޭނުން ކުރެއްވި ކަމަށެވެ.

ޖިހާދު އެތަން ދޫކޮށްލެއްވީ ފެބްރުއަރީ 17، 2020 ގައެވެ.

އޭޖީ އޮފީހުން ބުނީ ގާނޫނީ ހައިސިއްޔަތެއް ނެތި ޖިހާދު ދައުލަތުގެ މުދަލެއް ބޭނުން ކުރެއްވި މުއްދަތަށް ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދީ އަދި ޖިހާދު ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 ދައުލަތަށް އެކީ އެއްފަހަރާ ހޯދަން ސިވިލް ކޯޓަށް މިއަދު މައްސަލަ ވައްދާފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ކުރީގެ ނާއިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ އޭޖީގެ ބަޔާނުގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އޭޖީގެ ބަޔާނުގައި ބުނާ ތާރީހުގައި އެތަނުގައި އެމަނިކުފާނުވެސް އަދި އެމަނިކުފާނުގެ އާއިލާ ބަޔަކުވެސް ނޫޅޭ ކަމަށް ޖިހާދު ވިދާޅުވިއެވެ. އެފަދަ ދޮގު ވާހަކަތަކެއް ބަޔާންކޮށް ބަޔާނެއް ނެރުނީ އަބުރު ކަތިލުމުގެ ގޮތުން ކަމަށް ސިފަ ކުރެެއްވިއެވެ.

ޖިހާދު ވިދާޅުވީ ދައުވާ ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ދައުވާއާ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވިއެވެ.

ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވެވި ޖިހާދަކީ ރައީސް އަބްދުﷲ ޔާމީންގެ ތިން ވަނަ ނައިބު ރައީސެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމުން ޖިހާދު ވަނީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ ގުޅި ވަޑައިގެން ސިޔާސީ މަސައްކަތް ފައްޓަވާފަ އެވެ.