ހަބަރު

ކުރިމިނަލް ކޯޓުން "ނޫސް ރިޕޯޓާ ކާޑް" ތައާރަފްކޮށް، ލުއިތަކެއް

ޝަރީއަތް ކަވަރު ކުރުމުގައި އެންމެ ގިނަ ދަތިތަކެއް ކުރިމަތިވަމުން ދިޔަ ކުރިމިނަލް ކޯޓުން ނޫސްވެރިންނަށް ލުއިތަކެއް ދިނުމަށް ހާއްސަ އުސޫލެއް އެކުލަވާލައި އާންމުކޮށްފި އެވެ.

މީގެކުރިން ނޫސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް އަބަދުވެސް އޮންނަނީ ކުރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ވަނުމަށް ހަރުކަށި އުސޫލުތަކެއް އޮތުމެވެ.

އެގޮތުން ކޮންމެ އަޑުއެހުމަކަށް ވެސް 15 މިނެޓް ކުރިން ނަން ނޯޓް ކުރަން ޖެހެ އެވެ. އެންމެ މިނެޓެއް ލަސްވި ނަމަވެސް އެ އަޑުއެހުމަކަށް ޖާގަ އޮތް ނަމަވެސް ނުވަދެވެ އެވެ. އޭގެއިތުރުން ކޮންމެ އަޑުއެހުމަކަށް ވެސް ފޯމް ފުރަން ޖެހެ އެވެ.

ކުރިމިނަލް ކޯޓަށް ފޮތާއި ފަންސޫރު ވެއްދުމަކީ ވެސް ނޫސްވެރިންނަށް މަނާ ކަމެކެވެ.

އަލަށް އަމަލު ކުރަން މިއަދު ފެށި އުސޫލުން މި ހުރިހާ ޝަކުވާއަކަށް ވަނީ ހައްލު ގެނެސްފަ އެވެ. އެގޮތުން "ނޫސް ރިޕޯޓާ ކާޑް"އެއް ކުރިމިނަލް ކޯޓުން ވަނީ ތައާރަފްކުރަން ނިންމާފަ އެވެ.

މި ކާޑަކީ ކޯޓު ހަބަރުތައް ކަވަރު ކުރާ ނޫސްވެރިންނަށް އެ ކޯޓުން ދޫކުރާނެ ކާޑެކެވެ. އެ ކާޑް، ކޮންމެ މީޑިއާއެއްގެ ވެސް ތިން ނޫސްވެރިއަކަށް ދޫކުރާނެ އެވެ. އެއީ އެ މީޑިއާއަކުން ރަޖިސްޓްރީ ކުރުމަށް އެދޭ ތިން ނޫސްވެރިޔަކަށެވެ.

ކޯޓުގައި ރަޖިސްޓްރީވާ ނޫސްވެރިންނަށް ދޫކުރާ "ނޫސް ރިޕޯޓާ ކާޑް" ޝަރީއަތެއް ފެށުމުގެ ކުރިން ދެއްކުމުން އެ އަޑުއެހުމަކަށް ވަދެވޭނެ އެވެ. ކުރިއަށް 15 މިނެޓް އޮންނާކަށް ނުޖެހޭނެ އެވެ. އަދި ފޯމް ވެސް ފުރާކަށް ނުޖެހޭނެ އެވެ. ޝަރީއަތަށް މީހުން ވެއްދުމުގެ ކުރިން ނޫސްވެރިން ކާޑާއެކު ހާޒިރުވެއްޖެނަމަ އެ އަޑުއެހުމަކަށް ވަނުމުގެ ފުރުސަތު އޮންނާނެ އެވެ.

މީގެފަހުން ޝަރީއަތުގެ މާލަށް ނޫސްވެރިންނަށް ފޮތާއި ފަންސޫރު އަދި ގަލަން ވެއްދުމުގެ ހުއްދަ ވެސް ދޭން ކުރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.

ކުރިމިނަލް ކޯޓުން ލުއި ފަސޭހަ ބަދަލުތަކެއް ގެނެސްފައިމިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ވެސް ހިއްސާކޮށްފައިވަނިކޮށެވެ. ކުރިމިނަލް ކޯޓުގެ މި ނިންމުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް މިއަދު ވަނީ މަރުހަބާ ކިޔާފަ އެވެ.