ހަބަރު

ދީނާ ދެކޮޅު ވޯކްޝޮޕް ބޭއްވި މައްސަލަ ބަލަނީ

އިސްލާމްދީނާ ހިލާފު ތަފާތު ވާހަކަތައް ދައްކާ، ދީނާ މެދު ދިވެހިންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް މައުލޫމާތު ފެތުރުމަށް ވޯކްޝޮޕްތަކެއް ބޭއްވި މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ އެކަން ޔަގީންކޮށްދީފައެވެ. އޮފިޝަލް ވިދާޅުވީ އެފަދަ ވޯކްޝޮޕްތަކެއް ބާއްވާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާ އެކަން ބަލާނެ ކަމަށެވެ.

ކިއުލިއަމް ތިންކް ޓޭންކްކިޔާ ޖަމާއަތަކުން ރާއްޖޭގައި ވޯކްޝޮޕް ބާއްވާފައިވަނީ އެންމެ ދެކުނުން އައްޑޫ ސިޓީއާ އުތުރުން ހދ. ހަނިމާދޫގައެވެ. އެ ދެ ވޯކްޝޮޕްގައި ވެސް އިސްލާމްދީނާ ހިލާފު ތަފާތު ވާހަކަތައް ވަނީ ދައްކާފައެވެ. އަދި ދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ބައެއް ކަންކަން އެއީ ހުއްދަ ކަންކަން ކަމުގައި ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް ވޯކްޝޮޕްގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެގޮތުން އެއް ޖިންސުން ކައިވެނި ކުރުމާއި، އެހެން ދީންތަކަށް މުޖްތަމައުތަކުގައި ފުރުސަތު ދޭންޖެހޭނެ ކަމަށް ވާހަކަ ދައްކާ ހަދާފައިވެއެވެ. އަދި ވޯކްޝޮޕްގެ ބައިވެރިން ކައިރީގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ރުހެންތޯ ސުވާލުވެސް ކޮށްފައިވެއެވެ. މަރުގެ ހުުކުމް ތަންފީޒުކޮށްފިނަމަ ލިބޭނެ ގެއްލުންތައްވެސް ބުނެދީފައިވާ ކަމަށް ބައިވެރިން ބުންޏެވެ.

މީގެ އިތުރުން ވޯކްޝޮޕްގައި ދެއްކި ވާހަކަތަކާމެދު ހިތްހަމަ ނުޖެެހުން ފާޅުކުރުމުން އެއީ އާންމުންގެ ހިޔާލު ހުރި ގޮތް ބަލާލީ ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. ވޯކްޝޮޕް ހިންގުމުގައި އިސްކޮށް ހުރި އިނގިރޭސިވިލާތުގެ ހަރިސް ރަފީގް ވަނީ އެމްޑީޕީގެ ސަރުކާރެއްގައި މިނިވަންކަން އޮންނާނެ ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކާފައި ކަމަށްވެސް ބައިވެރިން ބުންޏެވެ.