އިސްލާމިކް މިނިސްޓްރީ މިހާރު ފެންނަނީ ވަރަށް ބަލިކަށި މިނިސްޓްރީއެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އެހެން ވެގެން އުޅެނީ ކީއްވެގެންތޯ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލު ކުރައްވައިފި އެވެ.
ޝަހީމް މި ސުވާލު ކުރައްވާފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލާފައި ވަނިކޮށް އަދިވެސް އެ ޖަމިއްޔާގެ ހަރަކާތްތައް ގާނޫނާ ހިލާފަށް ކުރިއަށް ގެންދާތީ އިލްމުވެރިންގެ ކަންބޮޑުވުންތައް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް މިއަދު ހުށައެޅުމާއި ގުޅިގެން ކުރެއްވި ފޭސްބްކް ޕޯސްޓެއްގައެވެ. އިލްމުވެރިން މިއަދު ވަނީ އެ ކަންބޮޑުވުންތައް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ހިއްސާ ކުރައްވާފަ އެވެ.
ޝަހީމް ވަނީ މިހާރު ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކީ މަހުލޫފްތޯ ސުވާލު ކުރައްވާފައެވެ. އަދި ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކުރެވިފައިވާ އިސްލާމިކް މިނިސްޓްރީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ.
"އިސްލާމިކް މިނިސްޓްރީ މިހާ ބަލިކަށި ވެގެން މި އުޅެނީ ކީއްވެ؟."
ޝަހީމް ވިދާޅުވީ ދީނާ ހިލާފު ކަންކަން ޖަމިއްޔާއަކުން ރާއްޖޭގައި ހިންގާނަމަ އަމިއްލައަށް އިސްނަގައިގެން އެ ޖަމިއްޔާއެއްގެ މައްސަލަ ކަމާބެހޭ އިދާރާއަކަށް ހުށައެޅުމަކީ އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ކަމަށެވެ.
"އެއީ އެއްވެސް ފަރާތަކުން އެ ޖަމިއްޔާއާ ބެހޭ ޝަކުވާއެއް ކޮށްފައި އޮތަސް އަދި ނެތަސް. އެކަން ކުރަންޖެހޭނެ ގޮތަކީ އެއީ، މިހާރަކަށް އައިސް ހިނގަމުންދާ ކަންކަމުން ފެންނަނީ މިނިސްޓްރީ ހަމަ ހިމެނޭންވެފައި އޮންނަ ތަން. މީގެ ހަގީގަތެއް ނޭންގެ." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ އިސްލާމިކް މިނިސްޓްރީއަކީ ހައިބަތުހުރި ބަސް ބުނުމުގައި ފަހަތަށް ނުޖެހޭ ތަނަކަށް ވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.