ފިނޭންސް މިނިސްޓްރީ

ފާޑުކިޔުން ބޮޑުވުމުން އަމީރު ރައްދު ދެއްވައިފި

ދައުލަތުގެ ހަރަދުތައް ބެހެލެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓަންޓެއް ހޯދަން ފިނޭސުން އިއުލާނު ކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.

އަމީރު ވިދާޅުވީ އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓަންޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ މިހާރު އެ މަގާމުގައި ހުންނެވި ފަރާތް ވަޒީފާއިން ވަކިވެ ވަޑައިގަންނަވާތީ ކަމަށެވެ.

"މިއީ އިތުރު ޚަރަދެއް ނޫން، މިއީ ބަޖެޓު ކޮށްފައިވާ ޚަރަދެއް." ފާޑުކިޔުންތަކަށް ރައްދު ދެއްވާ އަމީރު ވިދާޅުވި އެވެ.

މީގެ އިތުުރުން މިއީ ޚަރަދާބެހޭ ސިޔާސަތުތައް ދިރާސާކޮށް އެކުލަވާލައި، އޮފީސްތަކަށް ރިސޯސް ފޯރުކޮށްދީ، ފިސްކަލް ޕޮލިސީ އެކުލަވާލައި ބަޖެޓް ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް މިހާރު ވެސް އަދާކުރަމުން ގެންދާ ފަރާތެއް ކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސުން އިއްޔެ ބުނީ އެ މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެކްސްޕެންޑިޗާ ޕޮލިސީ ޔުނިޓެއް ގާއިމްކޮށް އެ ޔުނިޓުގެ މަސައްކަތް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ކަމާ ގުޅޭ ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކު އެކްސްޕެންޑިޗާ ޕޮލިސީ ކޮންސެލްޓެންޓެއްގެ ގޮތުގައި ހޯދަން ބޭނުންވާ ކަމަށެވެ.

އެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތް ތަކުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅު ކުރުމަށް ވެސް އެ މިނިސްޓްރީން އެދިފައިވެ އެވެ.

އެކަމާ ގުޅިގެން އާންމުން ވަނީ ހަރަދު ބެލެހެއްޓުން ހަރުދަނާ ކުރަންވެސް ކޮންސަލްޓެއް ހޯދަންޖެހޭތޯ ސުވާލުކޮށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ކޮމިޝަންތައް ހެދުމާއި، ކޮމެޓީ އެކުލަވާލުމާއި، ކޮންސަލްޓެންޓުން ހޯދުން ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

މި އަހަރަށް ސަރުކާރުން 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފައިވާއިރު، މި އަހަރު މިހާތަނަށް ބަޖެޓުން 2.5 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.