ދުނިޔެ

އިންޑިއާ މުޒާހަރާ: މަރުގެ އަދަދު މައްޗަށް، މޯދީއަށް ފާޑުކިޔުން

Feb 27, 2020
1

ނިއު ދިއްލީ (ފެބްރުއަރީ 27) - އިންޑިއާގެ 65 އަހަރުވެފައިވާ ސިޓިޒެންޝިޕް ގާނޫނަށް ކުއްލި ގޮތަކަށް ގެނައި އިސްލާހުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާކަމަށް ބުނެ، އެ ގާނޫނާ ދެކޮޅަށް ވެރިރަށް ނިއު ދިއްލީގައި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 25 މީހުން މަރުވެ، އެތަކެއް ސަތޭކަ މީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ މުޒާހަރާގެ ތެރެއިން ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ ސިފައިންގެ އެހީތެރިކަންވެސް ހޯދައިފަ އެވެ.

ހަމަނުޖެހުން ނުހިންގުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ރައްޔިތުންނަށް ގޮވާލައިފާވާއިރު، މިލިޓަރީ ކާފިއުއެއް ހިންގުމަށް އެމަނިކުފާނަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ސަލާމަތީ ބާރުތަކުން، ކަރުނަ ގޭހާއި، ރަބަރު ވަޒަންވެސް ބޭނުންކޮށްފައިވާއިރު، ހަމަނުޖެހުންތައް ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ދަނީ މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އޭގެ އިތުރުން ވެރިކަންކުރާ ބީޖޭޕީގެ ރައީސް އަދި ހޯމް މިނިސްޓަރު އަމީތު ޝާހު އިސްތިއުފާ ދެއްވަންޖެހޭކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިއާ ގާންދީ ވެސް ވަނީ ވިދާޅުވެފަ އެވެ.

އިންޑިޔާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން އެ ގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅާފަ އެވެ. ނަމަވެސް މުސްލިމުންނަކަށް އެ ފުރުސަތެއް ނެތެވެ. ބިލުގައި ބުނެފައި ވަނީ 1955 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު އިންޑިއާ އަށް ހިޖްރަކޮށްފައިވާ މުސްލިމުންނަށް ރަށްވެހިކަން ލިބޭނީ އެމީހުންގެ އަތުގައި ކަމާބެހޭ ލިޔެކިޔުންތައް ހުރުމުންނެވެ.