ހަބަރު

އެމްޓީސީސީ އިން ދިވެހިންނަށް 200 އަށްވުރެ ވަޒީފާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެކި އެކި ޕްރޮޖެކްޓްތަކުގައި މަަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ބޭނުންވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރު އެ ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކަށް 200 އަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާ ކަމަށެވެ. އަދި މި ވަޒީފާތަކަށް ބޭނުންވަނީ ދިވެހިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިހާރު އެކުންފުނިން ހިންގާ ގިނަ ޕްރޮޖެކްޓްތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ކަމަށާއި އެހެން ކަމުން މި ޕްރޮޖެކްޓްތަކަށް ބޭނުންވާ މުވައްޒަފުން ނަގަން ބޭނުންވަނީ އެ ޕްރޮޖެކްޓެއް ހިންގާ ރަށަކުން ކަމަށެވެ. އަދި މި ޕްރޮޖެކްޓްތައް ނިމުނަސް އެކުންފުންޏަށް ނަގާ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްނުލާނެ ކަމަށްވެސް ވިދާޅޫވި އެވެ.

"އެ ރަށެއްގެ ބޮޑު މިނާއި ޕްރޮޖެކްޓެއްގެ ބޮޑު މިނާއި ބަލާފަ އަޅުގަނޑުމެން އެބަ ބޭނުންވޭ މިހާރުން މިހާރަށްވެސް ވަޒީފާތަކަށް މީހުން ނަގަން. އަޅުގަނޑުމެން މިހާރު ބައެއް ރަށްތަކަށް އިއުލާންކޮށްފައިވާނެ. ކައުންސިލް މެދުވެރިކޮށްވެސް މި ވަޒީފާތަކަށް އިއުލާންކުރާނަން. ވަރަށް ގިނަ ޒުވާނުން އެބަތިބި ވަޒީފާ ނުލިބިފަ. އެހެން ކަމުން ހުރިހާ ޒުވާނުންނަށްވެސް ގޮވާލަން މި ފުރުސަތުގެ ބޭނުން ހިފައި މި ކުންފުންޏާއި ގުޅިގެން ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭނެ. ހަމަ ބުނެލަންވީ ތިމަންނާމެން އެބަ ބޭނުންވެޔޭ ވަޒީފާ. ކްރައިޓީރިޔާ ހަމަވަންޏާ އަޅުގަނޑުމެން މިތިބީ ޓްރެއިނިން ދީގެންވެސް މި ވަޒީފާތަކަށް ކުދިން ނެރެން ތައްޔާރަށް. ޒުވާނުންނަށް ބުނެލަން އޮތީ ވަޒީފާތަކަށް އަވަހަށް އަންނާށޭ." ދާދި ފަހުން އެމްޓީސީސީގެ ހިންގުމާއި ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިހާރުން މިހާރަށް 200 ވަޒީފާ އަށް އެކުންފުނިން ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ނަމަވެސް ކުރިއެއް އޮތް ހަ މަސް ދުވަސްތެރޭގައި އިތުރު 150 ވަޒީފާއަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި މިއީ ޒުވާނުންނަށް ރަށުގައި ތިބެގެން އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް ހުޅުވިގެން ދިޔަ ރަނުގެ ފުރުސަތެއްކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ވަޒީފާ ދިނުމުގައި ވަކި ކަހަލަ މީހަކަށް ނުބަލާނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިންވެސް މަސައްކަތް ކުރުމަށް ބޭނުންވާ އަދި މަސައްކަތް ކުރެވޭނެ މީހުންނަށް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކުންފުންޏަކީ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ވަޒީފާ ދޭނެ ކުންފުންޏެއް ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާރުވެސް އެކުންފުނި ތަފާތު 37 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި 49 ޕްރޮޖެކްޓެއްގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން 10 ނުވަތަ 11 ޕްރޮޖެކްޓެއްގެ މަސައްކަތް މި އަންނަ މާޗް މަސްތެރޭގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕްރޮޖެކްޓްތަށް ހިންގުމަށް ގޮންޖެހުންތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ޕްރޮޖެކްޓްތަކަށް ބޭނުންވާ ބައެއް އިކުއިޕްމެންޓްސް ނެތުމާއި އަދި ބާވެ ހަލާކުވެފައި ހުރުމުގެ ސަބަބުން އެ އިކުއިޕްމެންޓްސްތައް މެއިންޓެނެންސް ކުރުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. މުވައްޒަފުން ލިބުމުގެ ދަތިކަން ހުރިކަންވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ވިދާޅުވީ އެކުންފުންޏަކީ 24،000 ހިއްސާދާރުން ހިމެނޭ ކުންފުންޏެއް ކަމަށާއި ހިއްސާދާރުން މިހާރު މާޔޫސްވެފައިވާ ކަންކަން ހައްލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ،