އިމްރާން އަބްދުﷲ

އިމްރާން ޔާމީނާ ބައްދަލު ކުރުން: އެންމެ ބޮޑަށް ދެއްކީ އަދީބުގެ ވާހަކަ!

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލު ކުރައްވައި ދެއްކެވި ބައެއް ވާހަކަފުޅުތަކުގެ ތަފުސީލުތައް މިނިސްޓަރު އިމްރާން ހާމަ ކުރައްވައިފި އެވެ.

ޥީޓީވީގެ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެންމެ ފަހުން މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވީ ގައިދީންނަށް ލިބެން ޖެހޭ ހައްގުތައް ލިބެމުންދާ ކަން ޔަގީން ކުރެއްވުމުގެ ގޮތުން ކަމަށާއި އެ ގޮތުން ރައީސް ޔާމީނަށް ލިބި ވަޑައިގަންނަވަން ޖެހޭ ހައްގުތައް ލިބެމުންދޭތޯ ޔަގީން ކުރައްވާފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ހާލުކޮޅާއި ރައީސް ޔާމީނަށް ޖަލުގައި ހިދުމަތްތައް ދެވޭ ގޮތާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ވެސް އޮޅުން ފިލުއްވެވި އެވެ. އެކަމަށް އެމަނިކުފާނާއެކު ގާތްގަނޑަކަށް ބައި ގަޑިއިރު ހޭދަކުރެއްވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ރައީސް ޔާމީނާއެކު ދެއްކެވި ވާހަކަތަކުގެ ތެރޭގައި އެމަނިކުފާނު ވަރަށް ބޮޑަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަންކަން ކުރެއްވި ގޮތްތަކުގެ ވާހަކަ ދެއްކެވި ކަމަށް އިމްރާން ވިދާޅުވި އެވެ. އެ ގޮތުން އޭރު އަދީބު ގޯސްކޮށް ކަންކަން ކުރެއްވުމުން އޭގެ ގެއްލުން ދެމުން ދަނީ އެމަނިކުފާނަށް ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.

"ރައީސް ޔާމީންގެ އުދާސްތަކާއި ޝަކުވާތައް އަޑުއެއްސެވުމަށް ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު އަޅުގަނޑާއި ކަރެކްޝަންސްގެ ސީޕީ [އަހްމަދު މުހައްމަދުފުޅު] އާއި ދެ މީހުން އެ ތަނުގައި ތިބިން، އޭގެ ތެރެއިން ވަރަށް މުހިއްމު ބައެއް، އަދީބުގެ ވާހަކަ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓު ވަން ދެން ދެއްކެވި. އަދީބު ކޮށްފައި ހުރި ގޯސް ކަންތައްތަކުގެ ވާހަކަ،" އިމްރާން ވިދާޅުވި އެވެ.

ރައީސް ޔާމީން އެ ވާހަކަ ވިދާޅުވުމުން މީގެ ކުރިން އެމަނިކުފާނުގެ ސަރުކާރުގައި ރައީސް އޮފީހުގައި އިމްރާނާއި އެމަނިކުފާނު ކުރެއްވި ބައްދަލު ކުރެއްވުމެއްގެ މަތިން ހަނދުމަފުޅު ކޮށްދެއްވި ކަމަށް އިމްރާން ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި އަދީބު ގޯސްކޮށް ކަންކަން ކުރައްވަމުން ގެންދަވާ ކަން ހިއްސާ ކުރެއްވުމުން އެ ދުވަހު ރައީސް ޔާމީން އެ ކަން އެނގިހުރެ އެ ކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުއްވެވި ވާހަކަ ދެއްނެވިން ކަމަށް ވެސް ވިދާޅުވި އެވެ.

"ނިންމާލެއްވީމަ އަޅުގަނޑު ދެންނެވިން، ރައީސް ޔާމީނޭ. ރައީސް ކަމުގައި ރައީސް އޮފީހުގައި ރައީސް ޔާމީން އިންނަވަނިކޮށް އަޅުގަނޑު ބައްދަލުކޮށްފައި ނުދަންނަވަންތޯއޭ، އަދީބު ތި ކަހަލަ ކަންކަން ގޯސްކޮށް ކަންކަން ކުރައްވާ ވާހަކަ. އެ ދުވަހު ފިޔަވަޅު ނޭޅުނީމަތާ މިއަދު މި ހިސާބަށް ކަންކަން ގޮސްފައި މި އޮތީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި އަދީބު ހިޔާނާތުގެ އަމަލުތައް ހިންގަމުން ގެންދަވަނިކޮށް އެ ކަމަށް އޭރު އެއްވެސް ފިޔަވަޅެއް ނާޅައި ހުންނެވުމަށް ފަހު، މިއަދު އެމަނިކުފާނަށް ހުކުމް އިއްވުމުން އޭގެ ޒިންމާ ނަގަން ޖެހޭނީ ވެސް އެމަނިކުފާނު ކަމަށެވެ. އޭގެ ޒިންމާ މިނިސްޓަރު އިމްރާން ނަންގަވަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން އެކަމުގެ ވަރަށް ބޮޑު ބްލޭމެއް އަޅުގަނޑުގެ ބޮލުގައި އެޅުވި. އެމަނިކުފާނަށް އެ ލިބުނު ގެއްލުމުގެ ޒިންމާ އަޅުގަނޑު ނަގަން ޖެހޭ ކަމަށް. އަޅުގަނޑަކަށް ހަމަ ގައިމު ވެސް ވިސްނާ ވިސްނާ ނުވިސްނުނު އަދީބު ކުރި ކަންކަމުން ރައީސް ޔާމީނަށް ލިބުނު ގެއްލުނު ޒިންމާއެއް އަޅުގަނޑު ނަގަން ޖެހޭ ގޮތެއް." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ ޖަލުގައި އޮންނެވިއިރު ކަންކަން ކުރެއްވި ގޮތުގެ ވާހަކަ ވެސް ދައްކަވާފަ އެވެ. އިމްރާން ވިދާޅުވި ގޮތުގައި އޭރު އޭނާއާ މެދު ކަންކަން ކޮށްފައި ވަނީ ވަރަށް އިހާނެތި ކޮށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރައީސް ޔާމީނަށް އެނގިވަޑައިގެން އިސްކޮށް ހުންނަވައިގެން އަޅުގަނޑު ޖަލަށް ލާފައި ދެ ފޫޓު ހަމަ ނުވާ ސިމެންތި އަށްޓެއްގައި އަޅުގަނޑު އޮތިން." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އޭރު ރައީސް ޔާމީންގެ ސަރުކާރުގައި އޭނާއާ ދޭތެރޭ ކަންތައް ކުރެއްވި އުސޫލުން ރައީސް ޔާމީނާ ދޭތެރޭ އޭނާ ކަންތައް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ވަޑައިގެންނެވި ފަހުން މި ސަރުކާރުން އެމަނިކުފާނާ ދޭތެރޭ އަމަލު ކުރަމުން ގެންދަވާ ގޮތް ވެސް އިމްރާން ވިދާޅުވެދެއްވި އެވެ.

"ރައީސް ޔާމީން ޖަލަށް ގެންދެވުމާ އެކުގައި އަޅުގަނޑު ކަށަވަރު ކުރިން ރައީސް ޔާމީން ފެންވަރަން ފެން ލިބޭތޯ. އޮށޯވެވަޑައިގަންނަވަން ލިބިވަޑައިގަންނަވާ ގޮދަނޑިއަކީ އެކަށީގެންވާ ގޮދަނޑިއެއްތޯ. މަޑުމަޑުން ކަންކަން ރަނގަޅު ކުރަމުން އައިސް މިހާރު އެ ހުރީ އެ ތަނުގައި ކޭބަލްއާ އެކު 36 އިންޗީގެ ޓީވީއެއް ވެސް ބައިންދާފައި." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރުން އެއްވެސް ގައިދީއެއްގެ ހައްގުތައް ނިގުޅައިގަނެ އަނިޔާ ކުރަމުން ނުގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، ބަދަލު ހިފުމުގެ ރޫހެއްގައި ގައިމު ވެސް އޭނާ މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑުގެ ހިތްހަމަޖެހުން އެބަ އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ ސަރުކާރުންނާއި، އެމަނިކުފާނުގެ ޓީމުންނާއި އަދި ސީދާ ޒިންމާވާ މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ހުރެގެން އިރާދަކުރެއްވިއްޔާ ބަދަލެއް ނުހިފާނެ، އަނިޔާއެއް ނުކުރާނެ." އިމްރާން ވިދާޅުވި އެވެ.