ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ކައުންސިލަރުންގެ ދެބަސްވެ ބައްދަލުވުން ހުއްޓާލާ ހިސާބަށް ހޫނުވެ އެތާނގައި މާލޭ ސިޓީގެ ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.
އިސްކަންދަރު ސްކޫލްގައި ރޭ ކުރިއަށް ދިޔަ ބައްދަލުވުމުގައި ހިޔާލު ހުށަހަޅަމުން ވާހަކަ ދެއްކި އާންމުންގެ މީހަކު ބުނީ އެ މީހުން ކުރާ ސުވާލުތަކަށް ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން އެހެން ކައުންސިލަރުން ވެސް ޖަވާބު ދޭން އެދެމުން ދިޔަ ކަމަށެވެ. ނަމަވެސް ޝިފާ ވިދާޅުވަމުން ގެންދެވީ ކައުންސިލްގެ ފަރާތުން ޖަވާބު ދެއްވާނީ މޭޔަރު ކަމަށެވެ.
ބައްދަލުވުމުގައި ޝިފާ އެ ގޮތަށް ވިދާޅުވަމުން ސިޓީ ކައުންސިލްގެ ބައެއް މެންބަރުން އެ ނިންމެވުމާ ހިތްހަމަޖެހިވަޑައިނުގެން ރޭ ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި ކައުންސިލަރު މުހައްމަދު ފަޒީން ވަނީ އާންމުންގެ ތެރެއިން މީހެއްގެ މައިކް ބޭނުން ކުރައްވައިގެން އޭނާ ބޭނުންފުޅުވެ ވަޑައިގަންނަވާ ވާހަކަ ދައްކަވަން މަސައްކަތް ކުރައްވާފަ އެވެ.
އެ ގޮތަށް އެ ކަން ނުކުރެއްވުމަށް ޝިފާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމުން ވެސް ފަޒީން އޭނާގެ ވާހަކަ ކުރިއަށް ގެންދެވި އެވެ. އެންމެ ފަހުން ބައެއް ކައުންސިލަރުން ބައްދަލުވުން ކުރިއަށް ގެންދަން ހުރަސް އެޅުއްވުމުން ރޭގެ އެ ބައްދަލުވުން ނިންމާލެއްވީ ކަމަށް ޝިފާ އިއުލާން ކުރެއްވީ އެވެ. -- އެންމެ ފަހުން ބާއްވަން އުޅުނު ކައުންސިލްގެ ޖަލްސާ ކުރިޔަށް ނުގެންދެވިގެން ވަނީ ހުއްޓާލާފަ އެވެ.
ބައްދަލުވުމަށް ފަހު ވެސް ނުރުހުން
ރޭ ބޭއްވި ބައްދަލުވުމުގައި އާންމުންގެ ހިޔާލަށް ހުޅުވާލުމުން ވާހަކަ ދެއްކި ގިނަ މީހުންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. މާލޭގައި އިމާރާތް ކުރާ ފްލެޓްތަކުން ވެސް މާލެ ރައްޔިތުންނަށް ފުރުސަތު ނުލިބޭ މައްސަލަ އެވެ.
ވެށިފަހި މާލެ ޕްރޮގްރާމުން ފްލެޓް ލިބޭނެ ކަމަށް އެންގިތާ އެތައް އަހަރުވީއިރު ފްލެޓް މިއަދާ ހަމައަށް ވެސް ނުލިބޭތީ ބައެއް މީހުން އެ ކަންބޮޑުވުން ފާޅު ކުރި އެވެ. ގިނަ މީހުން ދިރިއުޅެމުން ދަނީ ކުދިކުދި ޖާގައިގެ ގެތަކުގައި ކަމަށް ބުނެ ވެސް ބައެއް މީހުން ޝަކުވާ ކޮށްފައި ވެއެވެ.
މިހާތަނަށް އަޅާ ފްލެޓްތަކުން މާލެ މީހުނަށް ފުރުސަތު ނުލިބޭ ކަމަށާއި ހިއްކި ބިންތައް ވެސް ވިޔަފާރި ކުންފުނިތަކަށް ދޭ ކަމަށް ބުނެ ވަރަށް ގިނަ މީހުން ނުރުހުން ފާޅު ކުރި އެވެ. އޭގެ އިތުރުން ވެސް ރައްޔިތުންނަށް ލިބެން ޖެހޭ ގިނަ ޒަރޫރީ ކަންކަން ނުފުދޭ ކަމަށް ވެސް އެ ބައްދަލުވުމުގައި ވާހަކަ ދެއްކި މީހުން ބުނެފައިވެ އެވެ.
އެ ބައްދަލުވުން ނިންމާލި ފަހުން ވެސް އެ ތަނަށް ޖަމާވި އާންމުންގެ ގިނަ މީހުން ގެންދިޔައީ ހިތްހަމަނުޖެހި ނުރުހުން ފާޅު ކުރަމުންނެވެ.