ރާއްޖެ ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީން ގެނެސް ދެއްވީ މަސައްކަތާއި ސުޕީޑް މަޑުޖެހިފައިވާ ކަމަށާއި ތަރައްގީގެ ހަލުއި ދުވެލި އަނބުރާ ގެނެވޭނީ އިދިކޮޅު ޕީޕީއެމަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"މިއީ މަގޭ ރާއްޖެ" ގެ ޝިއާރުގެ ދަށުން ޕީޕީއެމްގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހި ގައުމުގެ ކަންކަން ބޮއްސުން ލައިގެން ގޮސްފައިވާ ވަގުތު ދިވެހި ރައްޔިިތުން ނުކުމެ ތިބޭނެ ކަމުގެ ސާފު ހެކި މިރޭގެ ޖަލްސާ އިން ފެނިގެން ދާނެ ކަމަށެވެ.
އެތައް ބަޔަކު ޖަމާވެ ޕީޕީއެމަށް ތަރުހީބު ދެމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިން ނޫސްވެރިޔަކު އޭނާއާ ކުރި ސުވާލަކީ ޕީޕީއެމްގެ ސަރުކާރު ދެމިއޮތްނަމަ މި ވަގުތު ރާއްޖޭގެ ކަންކަން އޮންނާނެ ގޮތަކާ މެދު ސުވާލު ކުރި ކަމަށެވެ. އޭގެ ފަހުން މުއިއްޒު ވަނީ އޭގެ ތަސައްވުރެއް ވިދާޅުވެ ދެއްވައިފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސަރުކާރު ދެމިއޮތްނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެވޭ ވަރުވާނެ އެވެ. މާލޭގެ ބޮޑު ތަކުރުފާނު މަގުގެ ހެންވޭރުކޮޅުގައި ހުރި ކިންގް ސަލްމާން މިސްކިތްގެ މަސައްކަތް ނިމި އެ ތަން ހުޅުވާނެ އެވެ.
މާލެ-ތިލަފުށި ބްރިޖްގެ އަމަލީ މަސައްކަތް ފަށައި ބޮޑު ބައެއް ކުރިއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް ނިންމައި ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މާލެ ފެހިކޮށް ސާފު ކުރުމުގެ މަސައްކަތްކޮށް ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލެ ރައްޔިތުން ދެކެން ބޭނުންވާ ތަރައްގީގެ ދުވެއްޔަކީ އެއީ ކަމަށެވެ. އެ ހަލުވި ދުވެލި އަނބުރާ ގެނެސް މާލެ އަދި ރާއްޖޭގެ އެހެން ރަށްރަށް ދެން ތަރައްގީ ކުރެވެން އޮތީ ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަން ކުރެވެން ދެން އޮތީ މާލެ ސިޓީ ކައުންސިލަށް މި ތަރައްގީގެ ފިކުރުގައި އެ ތިބި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކުރުން. މާލެއަށް އެބަ ބޭނުންވޭ އިހުލާސްތެރިކަމާއެކު އަޒުމު ވަރުގަދަކޮށް ހިންގުންތެރިކަމާ އެކު މަަސައްކަތް ކުރާނެ ސިޓީ ކައުންސިލެއް އެފަދަ ލީޑާޝިޕަށް ގެންނަން އެބަ ޖެހޭ، އެ ކަން ވާނީ ޕީޕީއެމްއަށް،" މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރަށް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އިތުރު 2،500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ފަށަން ވެސް ޕީޕީއެމްގެ ސަރުކާރުގައި ނިންމާފައި އޮތް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތްނަމަ އެ މަސައްކަތް ފެށި މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލެ ރައްޔިތުންގެ ހައްގުތައް ހޯދައިދެވޭނީ ވެސް ޕީޕީއެމް އަށް ކަމަށެވެ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން އެމްޑީޕީގެ މި ސަރުކާރަށް ނުކޮށްދެވުނު ކަމަށާއި އެ ކަން ކުރެވޭނީ ޕީޕިއެމް އަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި ސަރުކާރުން މި ދައްކަނީ ބިރުވެރި މަންޒަރެއް. އެތައް ހާސް ރައްޔިތުންނަށް ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ދާއިމީ ލިޔުން ހަވާލުކޮށްފައި. މި ސަރުކާރުން ވިސްނަނީ އެ މީހުނަށް އެކަނި އެ ކަން ކޮށްދޭން. ނޫން. އަޅުގަނޑުމެން މަސައްކަތް ކުރާނީ މާލެ ރައްޔިތުންގެ ހައްގުގައި. ރައްޔިތުން ފުރުސަތު ދީފިނަމަ އެ މަސައްކަތް ކުރާނަން." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ގައުމު އޮޔާ ނުދަނީސް ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ. އެ ކަމަށް އެމްޑީޕީގެ މެންބަރުން ވެސް ތިބީ ތައްޔާރަށް ކަމަށާއި މިރޭގެ ޖަލްސާއަށް އެމްޑީޕީގެ އެތައް ސަތޭކަ މެންބަރުން ވެސް އައިސްފައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ އެމްޑީޕީގެ މެންބަރުން ވެސް އެބަ ތިބި ކަން. އެތައް ސަތޭކަ އެމްޑީޕީގެ މެންބަރުން، އެއީ ގައުމު ދެކެ ލޯބިވާތީ. އެ މީހުން ނުކުމެ ތިބީ ގައުމީ ފިކުރުގައި ގައުމުގެ ކަންކަން ގޯހުން ހިނގަމުންދާ ކަން ގަބޫލުކޮށް އެ ކަން ބަދަލު ކުރަން ވެގެން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ، މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުތަކުގައި ވޯޓު ލާން ނުކުތް މީހުން މަދު ނަމަވެސް މި އިންތިހާބުގައި ގިނަ ބަޔަކު ނުކުމެ ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަންނަ އިންތިހާބުގައި ގައުމީ ވިސްނުން އިސްކުރަން ޖެހޭނެ ކަމަށެވެ.