ކޮވިޑް-19 އާ ގުޅިގެން ކުނި ބަންދުކުރާ ޕްލާސްޓިކް ކޮތަޅާއި ތަކެތި ބަންދު ކުރާ ބައެއް މެޓީރިއަލުން ޑިއުޓީ ކަނޑާލަން މަޝްވަރާ ކުރަން ފަށައިފި އެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަން ވެފައިވަނީ އާއްމުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ލުއިކޮށް ދިނުމަށް ކަމަށާއި އިމްޕޯޓް ކުރެވޭ ތަކެތީގެ ތެރެއިން އެރިއެއްގެ ހާލަތަށް ބަލައި ޑިއުޓީގެ އިނާޔަތް ދެވޭނެ ތަކެތި ދެނެގަންނަ ކަމަށާ، މިހާރު ވެސް އެ ފަދަ އިތުރު ބާވަތްތަކުގެ ޑިއުޓީ ކަނޑާލަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އެ ފަދަ މަޝްވަރާ ތަކެއް ކުރަމުން އެބަދޭ. ވެމްކޯ އިން އެދިލައްވާ ކުނި ނައްތާލުމުގައި ދެކޮތަޅު ބޭނުން ކުރަމުން ދިއުމާއެކު އެގޮތުން ބަލާއިރު ކުނި ނައްތާލަން ބޭނުންވާ ކޮތަޅާއި ތަކެތި ބަންދު ކުރަން ބޭނުން ކުރާ ސާމާނު ފަދަ މި ދުވަސް ވަރަށް ބޭނުންވާ އަސާސީ ގޮތުން ބޭނުންވާ ތަކެތީގެ ޑިއުޓީ މައާފު ކުރަން ދަނީ މަސައްކަތް ކުރަމުން،" ޝަރީފު ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅަކީ ރާއްޖޭގައި އެންމެ ބޮޑު ޑިއުޓީއެއް ނަގާ ބާވަތްތެކެވެ. މި ބާވަތް ތަކުން އެވްރެޖު ގޮތެގައި 20 ޕަސެންޓާއި 400 ޕަސެންޓާ ދެމެދުގެ ޑިއުޓީއެއް ނަގަ އެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 9.6 މިލިިއަން ރުފިޔާގެ ޑިއުޓީ ވަނީ މައާފުކޮށްދީފަ އެވެ. ކޮވިޑް-19 އާ ގުޅިގެން މިހާރުގެ ހާލަތަށް ބޭނުން ވާތީ، ފޭސް މާސްކުން 3.4 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށް ދީފައިވެ އެވެ. އަދި ސެނެޓެއިޒާ ފަދަ ތަކެތިން 1.2 މިލިއަން ރުފިޔާ މައާފުކޮށް ދީފައިވާއިރު، ޕްރޮޓެކްތިވް އިކުއިޕްމެންޓް _(ޕީޕީއީ) އިން 4.9 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްދީފައިވެ އެވެ. މި އަހަރުގެ މިހާތަނަށް 4.7 މިލިއަން ފޭސް މާސްކު ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. އަދި 240 މެޓްރިކް ޓަނުގެ ޑިސްއިންފެކްޓެ ސާމާނު އެތެރެކޮށްފައިވާއިރު، 59 ޓަނުގެ ސެނެޓައިޒާ އެތެރެކޮށްފައިވެ އެވެ.