ހަބަރު

އިދިކޮޅުގެ ސައިޒު ފެނި، އެމްޑީޕީ ޑިފެންސްއަށް!

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމްއިން ކާނިވާ ސަރަހައްދަށް އެތައް ބަޔަކު ޖަމާކޮށް ދެއްކި ބޮޑު މަންޒަރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ހަމަ ރީއްޗަށް ވެސް ފޯރައިފި އެވެ. މުޅި އެމްޑީޕީ "ޑިފެންސް"އަށް ވެއްޓިއްޖެ އެވެ!

ހުކުރު ދުވަހުގެ ބޮޑު މަންޒަރަށްފަހު އިއްޔެ އެމްޑީޕީގެ ލީޑަޝިޕްގެ ފަރާތުން އެހެންޏާ ނުފެންނަ މަންޒަރުތައް ފެންނަން ފެށި އެވެ. އެންމެ ފާހަގަވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އާންމުކޮށް ރަސްމީ މަސައްކަތުގައި ބިޒީކޮށް އުޅުއްވައި މިނިސްޓަރު ޝާހިދު ވެސް އިއްޔެ ވަގުތު ހުސްކޮށްލެއްވީ ސިޔާސީ ޕޯސްޓަކަށެވެ. އެމަނިކުފާނު އިއްޔެ ފޭސްބުކްގައި ޕޯސްޓް ކުރެއްވީ ވީޑިއޯއެކެވެ. އެ ވީޑިއޯއަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޓީވީއެމްއިން ބޭއްވި ބަހުސްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯއެކެވެ. އެ ވީޑިއޯގައި ރައީސް ޔާމީން ވަނީ ލާމަރުކަޒީ ނިޒާމުން ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށް ވިދާޅުވެފަ އެވެ.

އެ ޝެއާ ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ "މިއަށްވުރެ ވަކި ސާފެއް ނުވާނެ، މި މީހުންނަށް ވޯޓުދޭން ޖެހޭ ސަބަބެއް އެބައޮތްތޯ؟،" ކަމަށެވެ.

އޭގެފަހުން އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓުން އެމީހުންގެ ހަތިޔާރާއެކު ޓްވިޓާއަށް ނުކުންނެވި އެވެ. އެކި ރަށްރަށުގެ ހިންގާ ޕްރޮޖެކްޓްތަކުގެ ފޮޓޯތައް ބަރިބަރިއަށް ދޫކޮށްލި އެވެ. އެކަން ހަމައެކަނި އެކްޓިވިސްޓުންނަށް ދޫނުކޮށް އިސް ބޭފުޅުން ވެސް އޭގައި ހިފައިގަތެވެ. މަޖިލިސް މެންބަރުން ވެސް ދާއިރާގެ ޕްރޮޖެކްޓްތަކުގެ ވާހަކަ ފެއްޓެވި އެވެ.

މިކަމުގައި އެންމެ ހަރަކާތްތެރިކޮށް ފެނުނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. ހަސަން ލަތީފް ވަނީ އެފަދަ 32 ޓްވީޓެއް މިހާތަނަށް ކުރައްވާފަ އެވެ. ކޮންމެ ޓްވީޓެއްގައި ވެސް ހިމަނާފައިވަނީ ރަށްރަށުގައި ހިނގަމުންދާ ޕްރޮޖެކްޓަކުގެ ފޮޓޯ އާއި މައުލޫމާތެވެ. އޭގެ ތެރޭގައި ބަނދަރާއި ޓާފް ދަނޑާއި އިންޖީނުގޭގެ އެޅުން ފަދަ ޕްރޮޖެކްޓްތައް ހިމެނެ އެވެ.

ޗެއާޕާސަން ކުރެއްވި ކޮންމެ ޓްވީޓެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރީޓްވީޓް ކުރައްވައިފި އެވެ. "މިވެނި ރަށެއްގައި ކުރެވޭ މަސައްކަތް" ޖެއްސެވުމަށްފަހު ޓްވީޓްތައް ރީޓްވީޓްކުރައްވަމުން ރައީސް ނަޝީދު މިހާރު ވެސް ގެންދަވަނީ އެވެ.

މީގެއިތުރަށް ސަރުކާރު މިނިސްޓްރީތައް ވެސް ހަރަކާތްތެރިވެއްޖެ އެވެ. އެގޮތުން ހައުސިން މިނިސްޓްރީއިން މިއަދު ވަނީ މިހާރު ހިނގަމުންދާ އުމްރާނީ ޕްރޮޖެކްޓްތަކުގެ އަދަދުތައް ހާމަކޮށް، މީޑިއާއަށް ފޮނުވާފަ އެވެ.

މިއީ އެމްޑީޕީގެ އިސް ބޭފުޅުން މިހާ ބޮޑަށް "ޑިފެންސް"އަށް ވެއްޓުނު ފަހަރެވެ. ސަރުކާރުން ކަމެއް ނުކޮށްދޭ ކަމަށް އަރާފައިވާ އަޑުތަކަކީ ހަގީގަތެއް ނޫންކަން ދައްކަން އެ ބޭފުޅުން އެ ތިއްބެވީ އަތުކުރި އޮޅާލައިގެންނެވެ. އެ މަސައްކަތް ކާމިޔާބު ވާނެ ކަމެއް ނުވަތަ ނޫން ކަމެއް އެނގޭނީ ކައުންސިލް އިންތިހާބުގެ ނަތީޖާއާ ހަމައިންނެވެ.