ދުނިޔެ

މެލޭޝިއާ: ބޮޑުވަޒީރުކަމަށް މުހްޔިއްދީން، މަހާތީރު ގަބޫލެއް ނުކުރެއްވި

Mar 2, 2020

ކުއަލަ ލަމްޕޫރު (މާޗް 2) - މެލޭޝިއާގެ އާ ބޮޑުވަޒީރުކަމަށް ދާހިލީ ވަޒީރު މުހްޔިއްދީން ޔާސީން އިއްޔެ އައްޔަނުކުރައްވާފައިވީ ނަމަވެސް، އެކަން ގަބޫލު ނުކުރައްވާނެކަމަށް އެ މަގާމުން އިސްތިއުފާ ދެއްވި މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރުކަމުގެ ހުވާ މުހްޔިއްދީން ޔާސީން އިއްޔެ ކުރައްވާފައިވަނިކޮށް، އުމުރުފުޅުން 94 އަހަރުގެ މަހާތިރު ވިދާޅުވީ އާ ބޮޑުވަޒީރު ގަބޫލު ނުކުރައްވާނެ ކަމަށާާއި ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުގެ އަގުލަބިއްޔަތު އޮތީ އޭނާ އަށް ކަމަށެވެ.

"މެލޭޝިއާގެ ރައްޔިތުންނަށް އަޅުގަނޑު މިދަންނަވަނީ ޕާލަމެންޓުގެ އަގުލަބިއްޔަތު އޮތީ އަޅުގަނޑަށްކަން. ޕާލަމެންޓުގެ 114 މެންބަރުގެ ތާއީދު އޮތީ އަޅުގަނޑަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވި އެވެ.

އާ ބޮޑުވަޒީރަކު އައްޔަނުކުރެއްވުމުގެ ކުރިން، މެލޭޝިއާގެ ރަސްގެފާނު ވަނީ އެ ގައުމުގެ ޕާލަމަންޓުގެ 222 މެންބަރުންނާ ވަކިވަކިން ބައްދަލު ކުރައްވައި، އެ މީހުންގެ ތާއީދު އޮތީ ކޮން ބޭފުޅަކަށްތޯ ޔަގީންކުރައްވައިފަ އެވެ.

އެއަށްފަހު، މެލޭޝިއާގެ ޝާހީ ގަނޑުވަރުން އިއްޔެ އިއުލާންކޮށްފައި ވަނީ ސަރުކާރެއް އުފެއްދޭ ވަރަށް ތާއީދު އޮތީ މުހްޔިއްދީން، 72، އަށް ކަމަށެވެ.

މުހްޔިއްދީން ވަނީ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި ބޮޑުވަޒީރުގެ ނައިބުގެ މަގާމު އަދާކުރައްވައިފަ އެވެ. ނަމަވެސް، އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ހިޔާނާތުގެ މައްސަލާގައި ނަޖީބަށް ފާޑު ވިދާޅުވުމުން ބޮޑުވަޒީރުގެ މަގާމުން އޭނާ ވަނީ 2015 ވަނަ އަހަރު ވަކިކޮށްފަ އެވެ.

ބޮޑުވަޒީރު ކަމުން މަހާތީރު އިސްތިއުފާ ދެއްވާފައި ވަނީ، އަންވަރު އިބްރާހިމާ ދެމެދު ހިޔާލުތަފާތުވެ، އެހެން ކޯލިޝަން ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރާކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް 2018 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރީ އަންވަރާއި މަހާތީރު އެކުގައި ނުކުންނަވައި އުފެއްދި ކޯލިޝަނެއްގެ ތެރެއިންނެވެ. އޭރު އެއްބަސްވެފައި ވަނީ، ދައުރުގެ މެދު ތެރެއިން އަންވަރާ ވެރިކަން ހަވާލު ކުރުމަށެވެ.