އެފްއޭއެމް

އެފްއޭއެމްގެ 20 ބުރީގެ އިމާރާތާއި އިތުރު ދެ ޕްރޮޖެކްޓެއް

އެފްއޭއެމްގެ މިހާރު ހުރި ބިމުގައި 20 ބުރީގެ އިމާރާތެއް ހަދަން، ދެކުނު ކޮރެއާގެ ސަކައި ވިންޑް ގުލްބޯލް ކުންފުންޏާއެކު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

އެ 20 ބުރީގެ އިމާރާތާއި އިތުރު ދެ ޕްރޮޖެކްޓެއް ހިންގުމަށް ވެސް އެފްއޭއެމުން ވަނީ އެ ކުންފުންޏާއެކު ސޮއި ކޮށްފަ އެވެ. އެއީ ކުޅިވަރު އެކުވެނީގައި ފުޓްސަލްއަށް ހާއްސަކޮށް ހަދާ އިންޑޯ އެރީނާ ހިމެނޭ ހަތަރު ބުރީގެ އިމާރާތާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައ 20 ޓާފް ދަނޑު އެޅުމަށް ވެވޭ އެއްބަސްވުމެކެވެ.

އެފްއޭއެމް މިހާރު ހުރި ބިމުގައި، ހަދާ 20 ބުރީގެ އޮފީސް އިމާރާތް ހަދަނީ ސްކައި ވިންޑް ގުލްބޯލް ކުންފުނީގެ ލޯން އެއްބަސްވުމުގެ ދަށުންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ ލޯނު އަދާ ކުރާނީ، އިމާރާތް ބޭނުން ކުރަން ފަށާތާ ހަތް އަހަރުގެ ތެރޭ އިންސްޓޯލްމެންޓަށް ބަހާލައިގެން ކަމަށެވެ.

އެފްއޭއެމްއާއެކު ސްކައި ވިންޑް ގުލޯބަލްއިން ހިންގާ ތިން ޕްރޮޖެކްޓް

  • އެފްއޭއެމްގެ މިހާރު ހުރި ބިމުގައި ހަދާ 20 ބުރީގެ އިމާރާތް
  • ކުޅިވަރު އެކުވެނީގައި ހަތަރު ބުރީގެ އިންޓާ ފުޓްސަލް އެރީ
  • ރާއްޖޭގެ އެކި ސަރަހައްދުގައި އަޅާ 20 ޓާފް ދަނޑު

"މައިގަމޑުގޮތެއްގައި 20 ބުރިއަށް ހެދުމުގެ ބޭނުމަކީ، ފުޓްބޯޅަ މިހާރު މިއޮތް ލެވަލްއަށް ވުރެ އެހެން ލެވަލްއަކަށް ހިއްލާލުމަށް މަސައްކަތް ކުރާއިރު ވަރަށް ބޮޑު ފަންޑެއް ބޭނުންވޭ،" ބައްސާމް ވިދާޅުވި އެވެ. "އެހެންވީމަ ގިނަ ފްލޯތައް ރެވިނިއު މޭކް ކުރާނެ ފްލޯތަކަކަށް ވެގެންދާނީ، އެ ފައިސާ ހަރަދު ކުރެވިގެން ދާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާންގައި ރާއްޖޭގެ ހަމަ މިސަރަހައްދުގެވެސް ފުޓްބޯޅައަށް އޮތް އެންމެ ވަރުގަދަ ތަނަކަށް ހެދުމުގެ މަސައްކަތުގައި،"

އެފްއޭއެމްގެ އާ އޮފީސް އިމާރާތް ހެދުމުގެ މަސައްކަތް ކުޅިވަރު އެކުވެނީގެ ދެކުނުގެ ހުޅަނގު ފަޅީގައި ދަނީ ކުރިއަށެވެ. އެ އިމާރާތް މި އަހަރު އޭޕްރީލް މަހު ބޭނުން ކުރަން ފެށޭ ވަރަށް މަސައްކަތް ނިންމުމަށް ހަވާލު ކުރީ ޓިބާރޯ ޕްރައިވެޓް ލިމިޓެޑާ އެވެ. ބައްސާމް ވިދާޅުވީ އެ މައްސކަތް ކަނޑައެޅި މުއްދަތުގައި އެ ކުންފުންޏަށް ނިންމާ ނުލެވުނީ މިދިޔަ އަހަރު ފަހު ކޮޅު ކުރި ވިއްސާރައިގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވުމުން ކަމަށެވެ. އެހެންނަމަވެސް ސެޕްޓެމްބަރުގައި މަސައްކަތް ނިންމާނެ ކަމަށް އެކުންފުން ޔަގީންކަން ދީފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމިއްޖެ ނަމަވެސް، އޮފީސް އިމާރާތެއް ކުއްޔަށް ނަގައިގެންވިޔަސް އެފްއޭއެމްގެ މިހާރުގެ އިމާރާތް ހުސްކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ފުޓްސަލް ހާއްސަ އިންޑޯ އެރީނާ ހިމެނޭ އިމާރާތް ހަދަނީ، އެފްއޭއެމްގެ މިނީ ޓާފް ދަނޑުގެ ފަހަތުގައި އޮންނަ ހުސް ބިމުގަ އެވެ. ހަތަރު ބުރީގެ އިމާރާތުގެ ދެ ފަންގިފިލާ ހާއްސަ ކުރުމަށް ހަމަޖެހިފައި ވަނީ، ފުޓްސަލް އަށެވެ. އޭގެ ތެރެއިން އެއް ފުލާގައި އިންޓަނޭޝަނަލް މުބާރާތް ބޭއްވޭ ފެންވަރަށް އިންޑޯ ފުޓްސަލް އެރީނާއެއް ހިމެނޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ. ފުޓްސަލް އަށް ހާއްސަ ކުރާ އެނެއް ފަންގިފިލާ ބޭނުކުރާނީ ފުޓްސަލްގެ ޓްރޭނިންތަކަށެވެ. ހަތަރު ވަނަ ފަންގިލާ އާއި ގުރައުންޑް ފުލޯ ބޭނުން ކުރާނީ ވިޔާފަރީގެ ބޭނުމަށެވެ. އެއީ ކުއްޔަށް ދީގެން ފައިސާ ހޯދުމަށެވެ.

އެފްއޭއެމުން ބާއްވާ މޯލްޑިވްސް ފުޓްބޯޅަ އެވޯޑް ހަފުލާގައި، އެފްއޭއެމްގެ 20 ބުރީގެ އިމާރާތުގެ ޑިޒައިނާއި އިންޑޯ ފުޓްސަލް ހާއްސަކޮށް ހަދާ ހަތަރު ބުރީގެ އިމާރުގެ ޑިޒައިން ދައްކާލާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. ފުޓްބޯލް އެވޯޑްގެ ހަފުލާ އޮންނާނީ މި އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.

ސްކައި ވިންޑް ގުލޯބަލްއިން އަޅާ 20 ދަނޑުގެ ތެރެއިން ތިން ދަނޑު ހާއްސަ ކޮށްފައި ވަނީ މާލޭ ސަރަހައްދަށެވެ. އެ ތިން ދަނޑަކީ ކުޅިވަރު އެކުވެނީގައި އަޅާ ޓާފް ދަނޑު، ވިލިމާލޭގައި އަޅާ ޓާފް ދަނޑު އަދި، ހުޅުމާލޭގައި ހުޅުވާ ފުޓްބޯޅަ ސްކޫލްގެ ދަނޑެވެ. ބާކީ 17 ދަނޑު އަޅާނީ ރާއްޖޭގެ އެކި ސަރައްހަދުތަކަށް ހާއްސަކޮށްގެން އެކި ރަށްރަށުގަ އެވެ.

ދަނޑުތަކުގައި އަޅާނީ ފީފާ އެޕޫރުވް ކޮލިޓީގެ ޓާފް ދަނޑުތަކެއް ކަމަށާއި ވިނަގަނޑުގެ އިތުރުން ފެންސާއި ލައިޓިން ސިސްޓަމްވެސް ދަނޑުތަކުގައި ހަރުކުރެވިގެން ދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވިހި ދަނޑުގެ ތެރެއިން ފުރަތަމަ ދަނޑުގެ މަސައްކަތް 77 ދުވަހުގެ ތެރޭ ފެށިގެން ދާނެ ކަމަށެވެ. އަދީ އޭގެ ފަހުން ކޮންމެ މަހަކު ދަނޑެއް ނިންމައި ހުރިހާ ދަނޑެއްގެ މަސައްކަތް 20 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މި 20 ދަނޑު ހެދުމާއެކީގައި އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ދިވެހި ޕްރިމިއާ ލީގް އަތޮޅު ތެރެއަށް ފުޅާ ކުރުމުގެ ވިސްނުން،" ބައްސާމް ވިދާޅުވި އެވެ. "ގާތްގަނޑކަށް 10 ވަރަކަށް އަހަރުގެ ވިސްނުމަކަށް ވިސްނާފަ އަޅުގަނޑުމެން މިއޮތީ."

މި ތިން މަޝްރޫ ހިންގުމަށް ފައިސާ ހޭދަ ކުރާނީ 20 ބުރީގެ އިމާރާތުގެ ފްލޯތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިން ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަމަކަށް އަންނާނީ ރީޕޭ ކުރާނީ ކިހިނެއްތޯ، އަޅުގަނޑުމެންގެ މި 20 ބުރީގެ އިމާރާތުންވެސް މުޅި ޕްރޮޖެކްޓަށް ކުރާ ހޭދަ އަޅުގަނޑުމެންނަށް ރިކަވާ ކުރެވޭނެ،" ބައްސާމް ވިދާޅުވި އެވެ.