އެމްޑީޕީ

ތަރައްގީއަށް ދައްކަނީ ހަމައެކަނި ކޮންޓްކްރީޓެއް ނޫން: އެމްޑީޕީ

އެމްޑީޕީ އިސްވެ ގެނެސްފައިވާ ސަރުކާރުން ތަރައްގީގައި ކުރާ ކަމަކީ ހަމައެކަނި "ކޮންކްރީޓް ތަރައްގީ" ގެ މަސައްކަތްތައް ނޫން ކަމަށާއި ދިވެހި ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރުމުގެ ގޮތުން ވެސް އެތައް ކަމެއް ކޮށްފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ "އެމްޑީޕީން ދައްކަނީ ކޮންކްރީޓް ތަރައްގީ" ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި އޮތްއިރު، ޖުމުލަ ގޮތެއްގައި ތަރައްގީ ގެނެވޭނެ ހުރިހާ ދާއިރާއެއްގެ ކަންކަން އެމްޑީޕީން ދައްކާ ކަމަށެވެ.

އޭގެ ބައެއް މިސާލުތައް ވެސް އަފްޝަން ދެއްކެވި އެވެ. އެ ގޮތުން އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ސަރުކާރުގެ ބައެއް ތައުލީމީ ސިޔާސަތުތަކާއި ޕްރޮގްރާމްތަކެވެ. ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާ އާއި ފުރަތަމަ ޑިގްރީ ހިލޭ ކިޔެވޭނެ ގޮތް ހެދުން ފާހަގަކުރެއްވި އެވެ.

އަފްޝަން ވިދާޅުވީ 5،000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށާއި 500 ސްޓޫޑެންޓް ލޯނު މި އަހަރު ހުޅުވިގެން ދާނެ ކަމަށެވެ. މިއީ އަންނަން އޮތް ޖީލުތައް ބިނާ ކުރުމަށް ސަރުކާރުން އަޅާފަައިވާ މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކަންތައްތައް އިތުރަށް ރަށު ލެވެލްގައި، ކޮންމެ މުޖުތަމައެއްގައި އެންމެ ފުރިހަމައަށް ކުރެވޭނީ ސިޓީ ކައުންސިލްއާއި އަތޮޅު ކައުންސިލްއާއި، ރަށު ކައުްސިލްތަކަށް [މި ސިޔާސަތުތަކަށް] ފުރިހަމައަށް ތާއީދު ކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން،" އަފްޝަން ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމްގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާއަށް ގިނަ އަދަދެއްގެ މީހުން ޖަމާވެ ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބިގެން ދިއުމާ ގުޅިގެން، އެމްޑީޕީގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުން ގެންދަނީ ރަށްރަށުގައި ހިނގަމުންދާ އުމްރާނީ މަޝްރޫއުތަކުގެ ފޮޓޯތައް ޓްވީޓާއަށް ލަމުންނެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔަނީ އެމްޑީޕީގެ އިސް ބޭފުޅުން "ކޮންކްރީޓް ތަރައްގީ" ދައްކަނީ ކަމަށް ބުނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބައެއް އުމްރާނީ މަޝްރޫއުތަކާ ގުޅިގެން އޭރު އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެފައި ވަނީ "ކޮންކްރީޓަކީ ތަރައްގީއެއް ނޫން" ކަމަށެވެ.