ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާ ވައިރަހަށް ޓެސްޓް ކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް: އައިޖީއެމްއެޗު

Mar 2, 2020

ޗައިނާ އިން އުފަންވެގެން ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ އާ ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ލެބޯޓަރީއަށް ތަހުލީލު ކުރަން ގެންދާ ކޮންމެ ވައްތަރެއްގެ ސާމްޕަލަކާ މެދު ވެސް އަމަލު ކުރަނީ، އިންސާނުންނަށް ގެއްލުމެއް ލިބިދާނެ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އެއީ، ނުރައްކާތެރި އަދި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލަކަށް ވިޔަސް، އެތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައި ވެސް ރައްކާތެރިވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެގޮތުން، "ކޮވިޑް-19"ގެ ނަން ދީފައިވާ އާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައި އަމަލު ކުރަމުން ދަނީ ޑަބްލިއުއެޗްއޯ އާއި ބައިނަލްއަގުވާމީ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ނޫސް ބަޔާނުގައި ވަނީ ޔަގީންކަންދީފަ އެވެ.

"މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަކީ ހޮސްޕިޓަލުގެ މެނޭޖްމެންޓުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ." އައިޖީއެމްއެޗުގެ ބަޔާނުގައި ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭ ގޮތް މީގެ ދެ ހަފުތާ ކުރިން ހަދާފައިވާއިރު، އައިޖީއެމްއެޗްގައި ނިއުމޯނިއާ އަށް ފަރުވާ ދެމުންދާ މީހަކު މިދިޔަ ހޮނިހިރު ދުވަހު އެ ރޯގާއަށް ޓެސްޓު ކުރި އެވެ. އެކަމަކު އޭނާ އެ ވައިރަހަށް ނެގެޓިވް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެ އެވެ.

އާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ ތެރެއިން 90 ޕަސަންޓް މީހުން މަރުވެފައި ވަނީ އެ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ހޫބޭ ސަރަހައްދުންނެވެ.

ނަމަވެސް، އެ ވައިރަަސް ޖެހިގެން މަރުވި މީހުން ތަފާތު 10 ގައުމަކުން މިހާރު ވަނީ ރިޕޯޓު ކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިރާނުންނެވެ. އެގޮތުން، މިހާތަނަށް އިރާނުން 50 މީހުން މަރުވެފައިވާއިރު، އިޓަލީން ވެސް 30 މީހުން މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 90،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ޗައިނާގެ އެތެރޭގައި އެ ބަލި ފެތުރޭ މިންވަރަށް ހަލުވި މިނުގައި ދުނިޔޭގެ އެހެން ހިސާބުތަކުގައި ފެތުރޭކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.