ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ސައުދީ އަރަބިއްޔާއިން ފެނިއްޖެ އެވެ.
ސައުދީ ސަރުކާރުން މިހާރު ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ސައުދީ ސަރުކާރާ ހަވާލާދީ ސައުދީ ގެޒެޓްސްގައި ބުނެފައިވަނީ ކޮރޯނާ ވަައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ސައުދީ މީހެއް ކަމަށެވެ. އެމީހަކީ އިރާނުން ބަހުރައިންއަށް ދިއުމަށް ފަހު ސައުދީއަށް އައި މީހެކެވެ.
އެމީހާ ސައުދީއަށް އަައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ސައުދީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން އުމްރާވުމަށް އެ ގައުމަށް އެތެރެވުމުގެ ފުރުސަތު ވަނީ ބަންދުކޮށްފައެވެ.
އަދި އެއާޕޯޓްގައި ސްކްރީން ކުރުންވެސް ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. ވައިރަސްގެ އަސަރު ހުރި މީހަކު ފެނުމާއި ގުޅިގެން މައްކާ އަދި މަދީނާގެ ޗެކް ޕޮއިންޓްތަކުން ވެހިކަލްތައްވެސް ދަނީ ޗެކް ކުރަމުންނެވެ. ހާއްސަކޮށް މިއަހަރު އުމްރާއަށް އެ ގައުމަށް އައި މީހުން ދަތުުރުކުރާ ވެހިކަލްތައް ދަނީ ޗެކް ކުރަމުންނެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއިން މިއަހަރު އުމްރާއަށް އާދެވުނީވެސް ވަރަށް މަދު ބަޔަކަށެވެ. އެއީ ދެ ޖަމާއަތެއްގެ ހަވާލުގައި އުމުރާއަށް އައި މީހުންނެވެ. އެހެން ޖަމާއަތްތަކަށް ސައުދީއަށް އެރުމަށް ހުއްދަ ނުލިބުނެވެ.