ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު އޮފް ޑިފެންސް މިނިސްޓްރީން މިއަދު އާއްމުކޮށް ހުޅުވާލައިފި އެވެ.
އެ އިއުލާނުގައިވާ ގޮތުން، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައު ހުރި މީހަކު ކަމުގައި ވުން ހިމެނެ އެވެ.
އޭގެ އިތުރުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އިއުލާނުގައި އިތުރަށް ބުނީ ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިން އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެ ކަމަށެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުންނެވެ.
އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުގެ ތެރެއިން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީ ޕޯސްޓާއި ޅ. ނައިފަރު ފަޔާ ސްޓޭޝަނާއި ށ. ފުނަދޫ ކައުންސިލް އިދާރާއިންނެވެ.
އަދި ސެންޓްރަލް އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓާޒް ލ. ކައްދޫ އާއި ދ. ކުޑަހުވަދޫ ޕޯސްޓާއި ތ. އަތޮޅު ކައުންސިލް އިދާރާ އާއި ފ. އަތޮޅު ކައުންސިލް އިދާރާގެ އިތުރުން އެމްއެންޑީއެފް މުލީ ޕޯސްޓު (މ.މުލި) އިންނެވެ.
މީގެ އިތުރުން ސަދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަދަން އޭރިއާ ޏ. ފުވައްމުލަކު ޕޯސްޓާއި ސ. ހިތަދޫ ފަޔާ ސްޓޭޝަންގެ އިތުރުން ގދ. ތިނަދޫ ފަޔާ ސްޓޭޝަނުންނެވެ.
ޑިފެންސުން ބުނީ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ އެމީހަކު އިންޓަވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށެވެ.