ހަބަރު

ބޯޑާ ސެކިއުރިޓީއާ ކައުންޓާ ޓެރަރިޒަމްގެ ވޯކްޝޮޕެއް

Mar 3, 2020

"އެޑްރެސިން ބޯޑާ ސެކިއުރިޓީ އެންޑް ކައުންޓާ ޓެރަަރިޒަމް ބައި ސްޓްރެންތެނިން އިންޓަ އެޖެންސީ ކޯޕަރޭޝަން އިން ބޯޑާ މެނޭޖްމަންޓް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުން އޮތީ ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ. އެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔަތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މި މަސައްކަތު ބައްދަލުވުމަކީ މޯލްޑިވްސް އިމިގްރޭޝަނާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން
(އައިއޯއެމް) އާއި ޔުނައިޓެޑް ނޭޝަނަލް އޮފީސް އޮފް ކައުންޓާ ޓެރަރިޒަމް (ޔޫއެންއޯސީޓީ) ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި 26 ފަރާތުން ބައިވެރިވެ އެވެ.

އިމިގްރޭޝަނުން ބުނީ މި ބައްދަލުވުމުގައި ބޯޑަރު ބެލެހެއްޓުމުގައި އަމަލު ކުރާ ފުރިހަމަ އުސޫލާ ގުޅޭ ގޮތުން މައުލޫމާތު ދީ ޓެރަރިޒަމާއި އަދު ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ ކުށްތައް ހުއްޓުވުމަށާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ ގުޅުމާއި ގާބިލް ކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ބައްދަލުވުމުގައި ކައުންޓާ ޓެރަރިޒަމްގެ ސަބަބުން ބޯޑަރުގެ ސަލާމަތާއި ގުޅުން ހުރި މައްސަލަތައް ދެނެގަނެވޭނެ ގޮތްތަކުގެ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ޓެރަރިޒަމަކީ ބޯޑަރުގެ ސަލާމަތާއި ގުޅުން ހުރި ކަމަކަށް ވީހިނދު މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ ބޯޑަރު ވަރުގަދަކޮށް ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރުމެވެ.