ހަބަރު

ޔާސިރަކީ އަލްގައިދާގެ އިސް މީހެއް: ދިވެހި ސަރުކާރު

ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމާއި ޓެރަރިޒަމްގެ ތުހުމަތުގައި ޑިޓެންޝަން ސެންޓަރެއްގައި ބަންދުކޮށްފައި ވަނިކޮށް، ބަނޑުހައި ހޫނު ކަމުގެ ސަބަބުން އިއްޔެ މަރުވި ޔަމަންގެ ރައްޔިތެއް ކަމުގައިވާ، ޔާސިރު ޔަހުޔާއަކީ އަލްގައިދާ ޖަމާއަތުގައި އިސް ދައުރެއް އަދާ ކުރާ މީހެއް ކަމަށް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.

ދިވެހި އަންހެނަކާ ކައިވެނިކޮށްގެން، މާލޭގައި އަރަބި ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ޔާސިރު ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ތިން އަހަރު ވީއިރު ވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވެ އެވެ. ހައްޔަރުގައި ބެހެއްޓީ ފުރުވައިލެވެން ދެން ކަމަށް ބުނެ އެވެ.

ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރުމުގެ ސަބަބުން ހާލު ދެރަވެގެން މިދިޔަ މިިދިޔަ މަހުގެ 21 ން ފެށިގެން އޭނާއަށް އައީ އައިޖީއެމްއެޗުގައި ދިޔައީ ފަރުވާ ދެމުންނެވެ. ފަރުވާ ދެމުން ދަނިކޮށް ސްޓްރޯކެއް ޖެހިގެން މަރުވީ އިއްޔެ ހަވީރު 4:25 ހާއިރު އެވެ.

އިމިގްރޭޝަނާއި ކަރެކްޝަންސް އާއި ފުލުހުން ގުޅިިގެން ރޭ މެންދަމު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާއަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައިވާ ބެލެވޭތީ ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލް ކުރުމުގެ ކުރިން އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ފުރުމަށް އެންގި ކަމަށެވެ. އެއީ ފެބްރުއަރީ 1، 2017 ގައި އިމްގރޭޝަނަށް އޭނާ ހާޒިރު ކުރުމަށް ފަހުގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭގެ ފަހުން އެ އެންގުމަށް އަމަލު ނުކުރުމަށް ތިން ފަހަރަށް ރާއްޖޭން ފުރައިގެން ދިއުމަށް އެންގި ކަމަށާއި ހަތަރުވަނަ ފަހަރަށް އެންގުމުން ވެސް އެއަށް އޭނާ އަމަލު ނުކުރުމުން މާޗު 2، 2017 ގައި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލް ކުރީ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެއާއެކު އިމިގްރޭޝަންގެ ގާނޫނާ ހިލާފުވާ ބިދޭސީން ބަންދު ކުރާ ޑިޓެންޝަން ސެންޓަރުގައި އޭނާ ބަންދު ކުރި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ޔާސިރު ރާއްޖެއަށް އެތެރެވީ 2014 ވަނަ އަހަރުގަ އެވެ. އެއީ ޓޫރިސްޓު ވިސާގަ އެވެ. ހަމަ އެ އަހަރު ދިވެއްސަކާ ކައިވެނި ކުރި އެވެ. ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މުއްދަތުގައި ފުލުހުން އޭނާގެ ހަރަކާތްތައް މޮނިޓާ ކުރި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔާސިރަކީ ޓެރަރިޒަމް ޖަމާއަތެއް ކަމުގައިވާ އަލްގައިދާއާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާ ކުރާ މީހެކެވެ. އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީންތައް ލިބިފައިވާ ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އަލްގައިދާގެ ހަރަކާތްތައް ވިލަރެސް ކުރި ކަމަށެވެ. އަދި ޓެރަރިޒަމްގެ ތުހުމަތު ކުރެވިގެން ފުލުހުން މޮނިޓާ ކުރި ދިވެހިންނާ ގުޅުން ބަދަހި ކުރި ކަމަށެވެ.

މި ތުހުމަތުތަކާއެކު ކަރެކްޝަންގެ ބެލުމުގެ ދަށުން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ޔާސިރު ބަންދުކޮށްފައި ބެހެއްޓިއިރު، އޭނާއާ މެދު އަމަލު ކޮށްފައި ވަނީ ސަލާމަތީ ގޮތުން ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ކޮށްފައި ކަމަށެވެ. އިންސާނީ ހައްގުތަކަށް ރިއާޔަތްކޮށް އޭނާގެ ދިވެހި އާއިލާއާ ބައްދަލު ކުރުމަށާއި ކެއިންބުއިމުގެ ކަންކަން ވެސް ވަރަށް ލުއި އިންތިޒާމެއްގައި ހަމަޖައްސައިދީފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޔާސިރުގެ މައުލޫމާތު އެކި ފަހަރު މަތިން ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަންގެ ސަރުކާރަށް އަންގަމުން ގެންދިޔަ ކަމަށެވެ. ރާއްޖޭން ފުރުވާ ލުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓް ހޯދަން ޔާސިރުގެ އެއްބާރުލުން ލިބިފައިނުވާތީ، "އިންވޮލިންޓަރިލީ" އޭނާ ފުރުވާލަން ޔަމަންގެ ސަރުކާރުގައި އެދުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ ފަހުން ވެސް އޭނާ ފުރުވާލެވިފައި ނުވަނީ ފުރުމަށް އިންކާރުކޮށް އެ ކަމަށް ޔާސިރު އެއްބާރުލުން ނުދިނުމުން ކަމަށް ބަޔާނުގައިވެ އެވެ.