ހަބަރު

ދީނާ ދެކޮޅު ޖަމިއްޔާއަކަށް ރާއްޖޭގައި ފުރުސަތެއް ނެތް: ރައީސް ނަޝީދު

ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅު އެއްވެސް ޖަމިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ އެހީތެރިކަމާއެކު އެ ފަދަ ޖަމިއްޔާތައް ގެންނަ ކަމަށް ވިދާޅުވެ، ޕީއެންސީގެ މެމްބަރު އަދި ކުރީގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ދައްކަވާ ވާހަކަތަކަކީ ނަފްރަތާއި ފިތުނަވެރިކަން އުފައްދަވާ ވާހަކަތަކެއް ކަމަށެވެ. އަދި އިސްލާމް ދިނާ ދެކޮޅު އެއްވެސް ޖަމއިްޔާއެއް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓް

ރައީސް ނަޝީދު މިހެން ވިދާޅުވީ ކިއުލިއަމް ތިންކް ޓޭންކް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ހދ. ހަނިމާދޫގައި ބޭއްވި ވޯކްޝޮޕެއްގައި އިސްލާމް ދީނާ ދެކޮޅު ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ބައެއް ކަންކަން އެއީ ހުއްދަ ކަންކަން ކަމުގައި ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް ވޯކްޝޮޕްގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނި މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލަން ފަށައިފަ އެވެ.

އެ މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ދީނާ ދެކޮޅު ވާހަކަތައް ފެތުރި މައްސަލަ ކުށްވެރިއެއް ނުކުރެ އެވެ. އެ ޕާޓީން ބުނީ އެ ވޯކްޝޮޕާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.